17 Oct 2013, 23:03
ސުޕްރީމް ކޯޓުން ބާތިލް ކުރި ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ އަދަށްވެރެ، 14.5 ޕަސެންޓް އިތުރަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް 71،000 މީހުން މީހުން މިފަހަރު ރީ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މިދިޔަ ފަހަރު ރީ ރަޖިސްޓްރީކޮށްފައި ވަނީ 62،000 މީހުންނެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ހަވީރު ރީ ރެޖިސްޓްރޭޝަން ކުރުމަށް ހުޅުވާލި 24 ގަޑިއިރުގެ ފުރުސަތުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރުދުން ހުށަހެޅި ފޯމްތައް އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމަށް އެންޓާ ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވިއިރު އެވެ. ހުރިހާ ފަރާތްތަކުގެ ފޯމްތައް ސިސްޓަމަށް އެންޓާކޮށް، ރީ ރަޖިސްޓްރީކޮށް ނިމުނީ މިއަދު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ މަސައްކަތް ނިމުމުން، ފޯމްތައް ސައްހަކަން ޔަގީން ކުރުމަށް އާންމު ކުރަންޖެހޭ ލިސްޓު އާންމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ލަފާކުރާ ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 239000 އަށް ވުރެ އިތުރުވާނެ އެވެ.