17 Oct 2013, 22:01
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީއާ ބެހޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 12:00އަށް ހުޅުވާލާފައިވީ ނަމަވެސް ވޯޓްލާ މީހުންގެ ރަޖިސްޓްރީ ލިސްޓްތައް މިރޭ 10:00ގެ ކުރިން ޕްރިންޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ރަޖިސްޓްރީއާ ބެހޭ ގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވީ ނަމަވެސް ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިރޭ އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތައް ބެއްލެވުމަށް ފަހު މިރޭ 10ގެ ކުރިން ލިސްޓުތައް ޕްރިންޓްކުރަން ފައްޓަވާނެ ކަމަށެވެ.
އެހެން ނަމަވެސް މިއަދު އިލެކްޝަންސް ކޮމިޝަނުން ނެރުއްވި އިއުލާނުގައި ބުނެފައި ވަނީ، ވޯޓުލާ މީހުންގެ ރަޖިސްޓްރީއާ ބެހޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހަވީރު 4:00 އަށް ހަމަވެފައިވީ ނަމަވެސް ރަޖިސްޓްރީއާ ބެހޭ ޝަކުވާތައް މިރޭ 12:00އާ ހަމައަށް ބަލައިގަންނަމުން ދާނެ ކަމަށެވެ.
http://www.sun.mv/albums/l_20661.jpg
ރަޖިސްޓްރީއާ ބެހޭ ގޮތުން ގިނަ ޝަކުވާތަކެއް ހުއްޓައި ލިސްޓްތައް ޕްރިންޓް ކުރައްވަނީތޯ ސަން އިން ސުވާލުކުރުމުން ފުއާދު ވިދާޅުވީ ވަގުތު ކުޑަކޮށް މަސައްކަތް ކުރަން ޖެހުމުން އެ ކޮމިޝަނަށް ވެސް ވަގުތު ކުޑަކޮށްލަން މަޖުބޫރުވާ ކަމަށެވެ.
"ފުރަތަމަ އަޅުގަނޑުމެން ނިންމީ ހަތަރެއް ޖަހަންދެން ޝަކުވާތައް ބަލައިގަންނަން. އެކަމަކު ވެސް އޭރު އަދި ގިނަ އަދަދެއްގެ ބައެއްގެ ޝަކުވާތަކެއް ހުރީމަ އަޅުގަނޑުމެން އެ ފުރުސަތު މިހުޅުވާލީ. ފުރަތަމަ ވެސް އަޅުގަނޑު ގަބޫލުކުރަނީ، ރެޖިސްޓްރޭޝަންގެ ޝަކުވާތައް އަޅުގަނޑުމެންނަށް ލިބިފައި ހުރިވަރަކުން އެއަށް އެޓެންޑް ކޮށްފައި ދެން ހުންނަ ޝަކުވާތަކަށް އަޅުގަނޑުމެން އެޓެންޑް ކުރަން ޖެހޭނީ އެހެން ގޮތަކަށޭ،" ފުއާދު ވިދާޅުވި އެވެ. "އެނގިވަޑައިގަންނަވާނެ މިގޮތަށް ވަގުތު ކުޑަކޮށް އަޅުގަނޑުމެންނަށް މަސައްކަތެއް ކުރަން ޖެހުނީމަ އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ ވަގުތު ވަކި ހިސާބަކުން ކުރުކޮށްލަން."
ފުއާދު ވިދާޅުވީ ރެ ރަޖިސްޓްރީއާ ގުޅޭ ގޮތުން ހުޝަހެޅިފައިވާ ޝަކުވާތައް ބެއްލެވުމަށް ފަހު މިރޭ 10ގެ ކުރިން ލިސްޓްތައް ޕްރިންޓް ކުރަން ފައްޓަވާނޭ ކަމަށާއި އަދި 10ގެ ފަހުން ރިޔާސީ ކެންޑިޑޭޓުންނާއި އެފަރާތްތަކުގެ މަންދޫބުންނާއި އަދި ކަމާ ގުޅޭ އެހެނިހެން ފަރާތްތަކުން ލިސްޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ފައްޓަވާނޭ ކަމަށެވެ.