17 Oct 2013, 19:49
ރިޔާސީ އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ފުއާދު ތައުފީގް ވިދާޅުވީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންތިހާބު ފުރަތަމަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށްފަހު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އެ ފަދަ ބުރެއް ނޮވެންބަރު ދެވަނަ ދުވަހު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް އިން ބުނިއިރު ޕީޕީއެމް އިން މިއަދު ބުނެފައި ވަނީ ވޯޓުލާ މީހުންގެ ރަޖިސްޓްރީ ޗެކްކޮށް ސޮައިކުރުމަށް 72 ގަޑިއިރު ބޭނުންވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ލިސްޓްގައި ސޮައިކުރަން ދެގަޑިއިރަށްވުރެ ގިނައިރު ނުނަގާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ ސޮައިކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާނެ ކަމަށެވެ.
ފުއާދު ވިދާޅުވީ ހުކުމުގައިވާ ގައިޑްލައިނާ އެއްގޮތަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ލިސްޓްގައި 18 އަހަރު ފުރިފައިވާ މީހުން ހިމަނައި މަރުވެފައިވާ މީހުން ވޯޓުލާ މީހުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.
ފުއާދު ވިދާޅުވީ ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް މިރޭ 10:00 ގައި ފަށާނެ ކަމަށެވެ. އެ ލިސްޓުގައި ރިޔާސީ ކެންޑިޑޭޓުންނާއި މަންދޫބުންގެ އިތުރުން ޑީއެންއާރުގެ ފަރާތުން ވެސް ސޮއިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ލިސްޓްގައި ސޮއިކުރުން މިރޭ ދިހައެއް ޖަހާއިރު ފަށާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ. އެ ލިސްޓް މިހާރު ވަނީ ތައްޔާރުކޮށްފައި،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގައި ފުރަތަމަ މާލޭ ދަފުތަރުގައި ހިމެނޭ މީހުން ވޯޓުލުމަށް ހަތް ފޮއްޓެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި އެކަކަށް ދެ ފަހަރު ވޯޓުނުލެވޭނެ ގޮތަށް ހެދުމަށް ޑީއެންއާރުގެ ލިސްޓް ނަގާފައިވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ވޯޓުކަރުދާސްތައް އަލުން ޗާޕުކޮށް އެކަށީގެންވާ ރައްކާތެރި ސަލާމަތީ ފީޗާސްތައް ހިމަނާފައިވާނެ ކަމަށެވެ.
ފުއާދު ވިދާޅުވީ ގައިޑްލައިން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން މިހާތަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހުރިހާ ކަމެއް ނިމިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަންނަ ޝަކުވާތައް ބަލަމުން މިދަނީ. ފެށުނީއްސުރެ ހުކުމުގައި ކަނޑައަޅާފައިވާ ގޮތަށް އެންސީއައިޓީއާ މަޝްވަރާކޮށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން މިދަނީ،" އެ ކޮމިޝަނުގެ ސާވާއަށް ބޭރުން ބަޔަކު ވަންނަ ކަމަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ އެ ކޮމިޝަނުގެ ސާވާއަށް ބަޔަކު ބޭރުން ވަންނަ ކަމެއް މިހާތަނަށް އެނގިފައިނުވާ ކަމަށެވެ. އަދި އެކަންތައް އެންސީއައިޓީން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.