17 Oct 2013, 16:05
ގއ. ދެއްވަދޫގައި ލައްކައެއްހާ ރުފިޔާގެ ބޮޑު ވައްކަމެއް ފިރިޔަކުކޮށްގެން ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނިކޮށް، އޭނާގެ އަނބިމީހާ އެ ފައިސާތައް ފުލުހުންނާ ހަވާލުކޮށްފި އެވެ.
އަނބިމީހާ ފުލުހުންނާ ހަވާލު ކުރި ފައިސާތަކަކީ ދެއްވަދޫ މަންފާގެއިން ވަގަށް ނަގާފައިވާ ފައިސާތަކެކެވެ. އެގެއިން ވަގަށް ނެގި 189200ރ.ގެ ތެރެއިން ފުލުހުންގެ ތަހުގީގުގައި ވަނީ 184000 ރުފިޔާ ހޯދާފައިވަ އެވެ. އެ ފައިސާ ހޯދާފައި ވަނީ އެ ވައްކަން ކުރިތާ 24 ގަޑިއިރުތެރޭގަ އެވެ.
އެ ފައިސާ ހޯދުމަށްޓަކައި ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި އެވެ. އެއީ 26 އަހަރުގެ ޒުވާނަކާއި 25 އަހަރުގެ ޒުވާނެކެވެ. އެ ދެ މީހުންގެ ތެރެއިން 26 އަހަރުގެ ޒުވާނާގެ ކައިރީގައި އެ ފައިސާތައް ވަގަށް ނެގިންތޯ ފުލުހުންގެ ތަހުގީގުގައި ސުވާލު ކުރުމުން އޭނާ ބުނި ކަމަށް ވަނީ އެ ފައިސާތައް ހުންނާނީ އަމިއްލަ ގޭގައި ކަމަށެވެ.
ވައްކަން ކުރި ކަމަށް އެއްބަސްވެ، ފައިސާ ހުންނާނެތަން ކިޔައިދިނުމުން ފުލުހުން އޭނާގެއަށް ދިއުމުން، އޭނާގެ އަންހެނުން ވަނީ ފިރިމީހާ ކުރި ބޮޑު ވައްކަމުގައި ފުލުހުންނަށް އެހީތެރިވެ، 184000ރ. ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ފުލުހުންނަށް އެހީތެރިވެދިން އަންހެން މީހާގެ ފިރިމީހާއަކީ ވައްކަމާއި މާރާމާރީ އާއި ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.