އައިޖީއެމްއެޗްގެ ލެބޯޓަރީގެ ބައެއް ސާމާނުތައް ނެތިގެން އޭޑީކޭ ހޮސްޕިޓަލް މެދުވެރިކޮށް އެ އެއްޗެހި ހޯދަންފަށައިފި އެވެ.


އައިޖީއެމްއެޗްގެ ލެބޯޓަރީގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އޮންލައިނަށް މައުލޫމާތު ދެމުން މިއަދު ބުނީ ލެބޯޓަރީގެ ބައެއް ސާމާނުތައް ހުސްވެފައިވާ ކަމަށާއި އަދި ބައެއް އެއްޗެހި ހުރީ ހަމައެކަނި އެމެޖެންސީ ހާލަތުގައި ބޭނުން ކުރާ މިންވަރަށް ކަމަށެވެ.


އެ ހޮސްޕިޓަލުގެ މެނޭޖުމަންޓުން ބުނީ އެފަދަ މައްސަލަތައް ވަރަށް މަދުފަހަރު ދިމާވާ ކަމަށާއި އެ ގޮތަށް ބައެއް އެއްޗެހި ސްޓޮކުން ހުސްވާން ކައިރިވުމުން އެމެޖެންސީ ހާލަތުގައި ނޫނީ އެފަދަ ތަކެތި ދޫނުކުރާ ކަމަށެވެ.


ލެބޯޓަރީން ހިދުމަތް ހޯދި މީހަކު ސަން އޮންލައިނަށް މިއަދު ކިޔައިދިން ގޮތުގައި "ބްލަޑް ސާމްޕަލް"އަލާ ފުޅި ނެތިގެން އެ ފުޅި އޭޑީކޭ މެދުވެރިކޮށް ހޯދުމަށް އޭނާ ކައިރީގައި ލެބޯޓަރީގެ ކައުންޓަރުން ބުނެފައިވާ ކަމަށެވެ.


"ބަލި މީހެއްގެ ލޭ ޓެސްޓު ކުރުމަށް ލެބޯޓަރީއަށް ދިއުމަށް ޑޮކްޓަރު ސުލިޕް ކޮޅެއް ދިނުމުން، އަހަރެން ލެބޯޓަރީއަށް ދިއުމުން ބުނީ ބްލަޑް ސާމްޕަލް އަޅާ ފުޅި ހުސްވެފައިވާ ކަމަށް. އަދި އޭޑީކޭއިން އެ ހޯދައިގެން އަންނާށޯ[ބުނީ]. ލެބޯޓަރީން ހިދުމަތް ހޯދި މީހަކު ސަން އޮންލައިނަށް ކިޔައިދިނެވެ.


ނަމަވެސް އައިޖީއެމްއެޗްގެ ލެބޯޓަރީންގެ މުވައްޒަފަކު ބުނީ "ބްލަޑް ސާމްޕަލް" އަޅާ ފުޅި ހުރީ ހަމައެކަނި އެމެޖެންސީގައި ކަސްޓަމަރުންނަށް ދޫކުރާ ގޮތަށް ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ދޫކުރުން މިވަގުތު މަޑުޖައްސާލައިފައިވާ ކަމަށް އައިޖީއެމްއެޗް ލެބޯޓަރީގެ މުވައްޒަކު ސަން އޮންލައިނަށް މައުލޫމާތުދިނެވެ.


އައިޖީއެމްއެޗްގެ ލެބޯޓަރީގެ ބައެއް ސަމާނުތައް ހުސްވެފައި މިވަނީ އެ ހޮސްޕިޓަލުގައި ހޭނައްތާ އިންޖެކްޝަން ނެތިންގެ އާންމު އޮޕަރޭޝަންތައް ކުރުން މިދިޔަ ބުރާސްފަތި ދުވަހު ހުއްޓާލައިފައި ވަނިކޮށެވެ. ނަމަވެސް ހޭނައްތާ އިންޖެކްޝަން ހޮސްޕިޓަލަށް ލިބުމާ އެކު އާންމު އޮޕަރޭޝަންތައް ކުރަން މިހާރު ވަނީ ފަށައިފަ އެވެ.