އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންތައްތައް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިޔަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ދަށުގައިވާ މުއައްސަސާތަކުން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ރައީސް މުހައްމަދު ވަހީދު މިއަދު އަންގަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އިންތިޚާބު ބޭއްވެވުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް، ދައުލަތުގެ މުއައްސަސާތަކުން ކުރަމުން ދަނީ އެ ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށްތޯ ބަލައި ކުރިޔަށް ގެންދިއުމަށާއި އެ އިންތިޚާބާ ބެހޭގޮތުން ހިނގަމުންދާ ކަންތައްތަކުގެ ފުރިހަމަ މަޢުލޫމާތު ރައީސްއާ ހިއްސާކުރައްވަމުން ގެންދެވުމަށް ވެސް ވަނީ އަންގަވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

"މިގޮތަށް ރައީސުލްޖުމްހޫރިއްޔާ މި އެންގެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަމަށް ކަނޑައަޅުއްވާފައިވާތީއެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ދަޢުވާއާ ގުޅިގެން، މިމަހުގެ ހަތްވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރައްވާފައިވާ ޙުކުމުގައި، އެ އިންތިޚާބުގެ ޝަރުޢިއްޔަތު ގެއްލިފައިވާކަން ބަޔާންކުރައްވައި، އެ އިންތިޚާބަކީ ބާޠިލު އިންތިޚާބެއްކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، އިންސާފުވެރިކަމާއި މިނިވަންކަމާއެކު ބޭއްވެވުމަށް ގައިޑްލައިންތަކެއް ކަނޑައަޅުއްވައި، އެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން، މިހިނގާ 2013 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 20 ވަނަ ދުވަހުގެ ކުރިން، އަދި ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހިއްޖެނަމަ، 2013 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހުގެ ކުރިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ އިންތިޚާބު ބޭއްވުން ކަށަވަރުކޮށްދޭ އިންތިޒާމުތައް ހަމަޖެއްސެވުމަށް، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަންގަވައި، ސުޕުރީމް ކޯޓުން ވަނީ އަމުރުކުރައްވާފަ އެވެ.