17 Oct 2013, 16:05
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާއްމު ޖަލްސާ ނުބޭއްވި ލަސް ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވައިދުގައިވާ ބައެއް ކަންތައްތައް ފުރިހަމަ ނުކުރެވިގެން ކަމަށް އެ ބޭންކުން ބުނެފި އެވެ.
"ސަން"އާ ވާހަކަދެއްކެވި ބީއެމްއެލްގެ ބޯޑު މެމްބަރަކު ވިދާޅުވީ އޭޖީއެމް ބޭއްވުމުގެ ކުރިން ޑިވިޑެންޑްގެ ގޮތުގައި ދޭނެ މިންވަރެއް ކަނޑައަޅައި އެމްއެމްއޭގެ ހުއްދަ ހޯދަން ޖެހޭ ކަމަށެވެ. އަދި އޭގެ އިތުރުން ވެސް އެމްއެމްއޭގެ ގަވައިދުގައިވާ ކަންތައްތައް ފުރިހަމަ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއެމްއޭގެ ގަވައިދުގައިވާ ހުރިހާ ކަމެއް މިހާރު ވަނީ ފުރިހަމަކޮށްފައި. ނަމަވެސް އޭޖީއެމް ބޭއްވޭނީ ސަރުކާރުގެ ޑިރެކްޓަރެއް ކަނޑައަޅައިގެން. އެކަންތައް ވެސް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ބެލެވޭ. އެކަން ހަމަޖެހުނުހާ އަވަހަކަށް އޭޖީއެމް ބާއްވާނެ ދުވަހެއް އިއުލާން ކުރާނެ،" އެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބޭންކުގެ ހިއްސާދާރުންނަށް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ފައިދާއިން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 9.29ރ. ބަހަން އެމްއެމްއޭ އިން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކަނޑައެޅީ މިއަހަރުގެ ހަމަސް ދުވަހުގެ ފައިދާއިން 50 މިލިއަން ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބަހަން. އެއީ ހިއްސާއަކަށް 9.29ރ. އެގޮތަށް ކަނޑައެޅީ ބޭންކަށް ފައިދާވި ނަމަވެސް މިދިޔަ ތިން އަހަރު ހިއްސާގެ ފައިދާ ބަހާފައިނުވާތީ،" އެ މެމްބަރު ވިދާޅުވި އެވެ.
ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ ނުބޭއްވި ނަމަވެސް މިދިޔަ އަހަރުގެ އަހަރީ ހިސާބުތައް ވަނީ މިދިޔަ އޭޕްރިލް މަހު އާއްމުކޮށްފަ އެވެ.
އާއްމުނަށް ހިއްސާ ވިއްކާފައިވާ ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އަހަރީ އާއްމު ޖަލްސާ ބާއްވާފައި ނުވަނީ ހަމައެކަނި ބީއެމްއެލް އިންނެވެ.