މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި ގައުމު އެއްކޮށް އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު އޮތްކަމަށް ބުނެ ކިރިބަތީގެ ރައްޔިތަކު ނިއުޒިލެންޑުން ހިމާޔަތަށް އެދިއްޖެ އެވެ.

ގާތް ގަނޑަކަށް އެއް ލައްކައެއްހާ މީހުންގެ އާބާދީ އެއް ދިރިއުޅޭ، 32 އަތޮޅުގެ މައްޗަށް އުފެދިފައިވާ ޖަޒީރާ ގައުމުގެ ލޮއާނޭ ޓެއިޝިއޯޓާ ނަމަކަށް މީހަކު ނިއުޒިލެންޑްގެ ކޯޓުގައި އޭނާއަށް ހިމާޔަތް ހޯދައިދިނުމަށް އެދި ކުރަމުން ގެންދާ ދައުވާގައި ބުނެފައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އޭނާގެ އަމިއްލަ ގައުމުގެ ބައެއް މިހާރު ވެސް ވަނީ އަޑިއަށް ގޮސްފައި ކަމަށެވެ. އެހެން ކަމުން ނިއުޒިލެންޑުގެ އިމިގްރޭޝަން ޑިޕާޓުމަންޓުން އޭނާ އަށް ހިމާޔަތް ނުދިނުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ.

"އަހަރެމެން އެނބުރި ކިރިބަތީ އަށް ދިޔަ ނަމަވެސް އެތަނުގައި އެއްވެސް މުސްތަގުބަލެއް ނެތް." ޓެއިޝިއޯޓާ ކޯޓުގައި ކިޔައިދިނެވެ. "ނިއުޒިލެންޑަށް އުފަން އަހަރެންގެ ތިން ދަރިންނާއި އާއިލާ ގަދަކަމުން ކިރިބަތީއަށް ފޮނުވާލައިފި ނަމަ އަހަރެމެން ހާލުގައި ޖެހޭނެ."

ނިއުޒިލެންޑްގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފައި ވަނީ، ކިރިބަތީ އަށް ދިމާވި ގުދުރަތީ ކާރިސާއެއްގެ ސަބަބުން އެގައުމަށް ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް ޓެއިޝިއޯޓާ އޭނާގެ ގައުމަށް އެނބުރި ގޮސްގެން ހާލުގައި ޖެހޭނޭ ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމަށްވާ ނަމަ އެގައުމުގެ އެހެނިހެން ރައްޔިތުން ވެސް ހާލުގައި ޖެހޭނޭ ކަމަށެވެ.

ޓެއިޝިއޯޓާ އޭނޭގެ އާއިލާގޮވައިގެން 2007 ވަނަ އަހަރުން ފެށިގެން ނިއުޒިލެންޑުގައި ދިރިއުޅެމުން އަންނަނީ ވޯކް ވިސާގަ އެވެ. އަދި އިމިގްރޭޝަނުން އޭނާ ފޮނުވާލުމަށް ނިންމާފައި ވަނީ ވޯކް ވިސާގެ މުއްދަތު ހަމަވުމުންނެވެ.

ޕެސިފިކް ކަނޑުގައި ވަރަށް ތިރިކޮށް އުފެދިފައިވާ ކިރިބަތީގެ އަތޮޅުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ގައުމެކެވެ.

ކިރިބަތީ ސަރުކާރުން ވަނީ އެގައުމަށް ދިމާވެފައިވާ މޫސުމީ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް ޓަކައި އެގައުމުގެ ރައްޔިތުން ފިޖީ އަށް ބަދަލުކުރުމުގެ މަޝްރޫޢުއެއް ފާސްކޮށްފަ އެވެ.