ވޯލްޑް ކަޕް ކޮލިފައިންގައި ސްކޮޓްލެންޑް އަތުން 2-0 އިން ބަލިވި މެޗަށްފަހު އީގޯ ސްޓީމެކް ކްރޮއޭޝިއާގެ ކޯޗު ކަމުގެ މަގާމުން ވަކިކޮށްފި އެވެ.

ޕްލޭ އޮފް ޖާގައެއް ކަށަވަރު ވެފައިވާ ކްރޮއޭޝިއާގެ ކޯޗް ސްޓީމަކް 46، އަންގާރަ ދުވަހުގެ ރޭ ސްކޮޓްލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އޭނާ މަގާމުން އިސްތިއުފާ ދޭނޭ ކަމަށް ބުނެފައިވީ ނަމަވެސް އެ ގައުމުގެ ފުޓްބޯލް ފެޑެރޭޝަނުން ބުނެފައި ވަނީ އެފަދަ އިޝާރާތެއް އޭނާގެ ފަރާތުން ލިބިފައި ނުވާ ކަމަށެވެ.

"ސްޓިމެޗްގެ ފަރާތުން ލިޔުމަކުން ވެސް އަދި އަނގަބަހުން ވެސް އޭނާގެ މަގާމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދެކެވިފައެއް ނުވޭ. އެހެން ކަމުން އޭނާ އެވަނީ މަގާމުން ވަކިކުރެވިފައި،" ކްރޮއޭޝިއާގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ޑާވޯ ޝުކާ ވިދާޅުވި އެވެ.

ސްޓީމަކް ކޯޗު ކަމުން ދުރު ކުރުމަށްފަހު ކްރޮއޭޝިއާގެ ކޯޗު ކަމަށް ވަގުތީ ގޮތުން ހަމަޖައްސާފައި ވަނީ ކުރިން ވެސްޓްހެމް އަދި ޑާބީގެ ޑިފެންޑަރަކަށް ކުޅުނު، އަދި މިހާރުގެ އެ ގައުމުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ނިކޯ ކޯވަޗް އެވެ.

ޝުކާ ވިދާޅުވީ ސްޓީމަކް މަގާމުން ދުރު ކުރުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް އެގޮތަށް ނިންމަން ޖެހުނީ ފަހަކަށް އައިސް ގައުމީ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވާ ދަށް ކުޅުމުގެ ސަބުބުން ކަމަށެވެ.

"ސްޓީމަކް މަގާމުން ދުރުކުރަން ނިންމި ނިންމުމަކީ އަހަންނަށް ވަރަށް އުނދަގޫ ނިންމުމެއް. އޭނާއަކީ އަހަރެންގެ ގާތް ރަހްމަތްތެރިއެއްގެ އިތުރުން ގައުމީ ޓީމަށް އެކުގައި ކުޅުނު ކުޅުންތެރިއެއް،" 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލްގައި ކްރޮއޭޝިއާއަށް ކުޅުނު ޝުކާ ވިދާޅުވި އެވެ.

ޔޫރޯ 2015 ކޮލިފައިން ގްރޫޕްގައި ކޯވަޗްގެ ކޯޗުކަމުގައި ކްރޮއޭޝިއާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމު މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެ ބައިކޮޅަށް ލަނޑެއް ވަނަ ނުދީ 13 ލަނޑު ކާމިޔާބުކޮށްފައިވާއިރު އެ ޓީމުން ވަނީ އާދަޔާ ހިލާފު މޮޅުކުޅުމެއް ދައްކާފަ އެވެ.

"ވޯލްޑް ކަޕް ޕްލޭ އޮފްގައި ކްރޮއޭޝިއާ ކުޅޭ މެޗުގައި ވަގުތީ ކޯޗެއްގެ ގޮތުގައި ހުންނާނީ، ކޯވަޗް އަދި ބްރެޒިލް 2014 އަށް އަހަރެމެން ކޮލޮފައި ނުވި ނަމަވެސް ދިގު މުއްދަތަކަށް އޭނާއާ ކޯޗުކަން ހަވާލުކުރާ ގޮތަށް ވިސްނުން ހުރީ،" ޝުކާ ވިދާޅުވި އެވެ.

ކްރޮއޭޝިއާއާ އެކު ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ޖާގަ އިތުރަށް ލިބިފައިވާ ޔޫރަޕް ޓީމުތަކަކީ، ފްރާންސް، ޕޯޗުގަލް، ސްވިޑްން، ގްރީސް، ރޫމޭނިއާ ޔޫކްރެއިން އަދި އައިސްލޭންޑް އެވެ.