17 Oct 2013, 14:22
ޕާކިން ފީ ނުދައްކައި ޕާކުކޮށްފައި އޮތުމުން އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިރަލީ ކްލިންޓަންގެ ކާރުކޮޅުގައި ޓްރެފިކް ޕޮލިހުން ސްޓިކާ ޖަހައިފި އެވެ.
ބީބީސީ އިން ބުނީ ހިލަރީގެ ކާރުކޮޅުގައި ހުކުރު ދުވަހު ސްޓިކާ ޖަހާފައި ވަނީ ލަންޑަންގައި ހުންނަ ރޯޔަލް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެފެއާޒްގައި އޮތް ރަސްމިއްޔާތަކަށް ހިލަރީ ވަޑައިގަތުމަށް ފަހު ކާރުކޮޅު، ފައިސާ ދީގެން ޕާކް ކުރާ ސަރަހައްދެއްގައި، ޕާކުކޮށްފައި އޮތްވައި ކަމަށެވެ. އަދި ސްޓިކާ ޖަހާފައި ވަނީ ޕާކިން ފީ ނުދައްކައި 45 މިނެޓު ވަންދެން ޕާކުކޮށްފައި އޮތުމުން ކަމަށާއި އެ ސްޓިކާ އަށް 80 ޕައުންޑް (128 ޑޮލަރު) ދައްކަން ޖެހޭ ކަމަށެވެ.
ސްޓިކާ ޖެހުމުން ހިލަރީގެ ހަށިފާރަވެރިން ވަނީ ސްޓިކާ ހިއްޕި ޓްރެފިކް އޮފިސަރު ކައިރީގައި ސްޓިކާ ޖެހުމުން ޝަކުވާކޮށް އޭތި ނެއްޓުމަށް އެދިފަ އެވެ. ނަމަވެސް ވެސްޓް މިނިސްޓާ ސިޓީ ކައުންސިލުން ވަނީ އެންމެންނަށް ހަމަހަމަވާން ޖެހޭނެ ކަމަށް ބުނެ ސްޓިކާ ނެގުމަށް ދެކޮޅުހަދައިފަ އެވެ.
"ހިލަރީގެ ކާރުކޮޅު ފީ ނުދައްކާ 45 މިނެޓު ވަންދެން ޕާކުކޮށްފައި އޮތް. އެކަމަނާ އަށް ވިސްނޭނެ އެންމެންނަށް ހަމަހަމަވާން ޖެހޭނެ ކަން،" ވެސްޓް މިނިސްޓާ ސިޓީ ކައުންސިލް ކެބިނެޓުގެ ވިޔަފާރި މެންބަރު ޑެނިއަލް އަސްޓެއާ އާއި ހަވާލާދީ ބީބީސީގައި ބުނެފައިވެ އެވެ.