މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރާއްޖޭގެ 12 ނޫސްވެރިއަކަށް ހޯދައިދިން އިންވެސްޓިގޭޓިވް ޖާނަލިޒަމްއާ ބެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި ނޫސްވެރިން ލަންކާއަށް ފުރަން ފަށައިފި އެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވީ "ތޮމްސަން ފައުންޑޭޝަނާއި" ލަންކާގެ "ސްރީލަންކާގެ ކޮލެޖު އޮފް ޖާނަލިޒަމް" ގުޅިގެން، ޕްރިންޓް، އޮންލައިން ޓީވީ، އަދި ރޭޑިއޯގެ މަސައްކަތް ކުރާ ނޫސްވެރިނަށް ޑިޒައިންކޮށް ވަކިވަކިން ލަންކާގައި ކުރިއަށް ގެންދާ އެ ޓްރެއިނިން ފަށާފައި ވަނީ މިއަދު ކަމަށެވެ. އަދި އެ ޓްރެއިނިން މިމަހުގެ 25 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު އެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ 12 ނޫސްވެރިއަކު ތަހުގީގީ ނޫސްވެރިކަމުގެ ތަމްރީނު ހޯދާނެ އެވެ.

"މިހާރު ވެސް ހަތަރު ނޫސްވެރިއަކުވީ ލަންކާގައި. ދެން އެ ހަތަރު ނޫސްވެރިން އައީމާ އަނެއްކާ ވެސް އިތުރު ނޫސްވެރިން ދާނެ، އެގޮތުން އެ ޓްރެއިނިން 12 ދިވެހި ނޫސްވެރިއަކު ފުރިހަމަ ކުރާނެ،" ސަން އޮންލައިންގެ ޗީފް އެޑިޓަރުކަން ވެސް ކުރައްވާ ހިރިގާ ޒާހިރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ މެއިން ސްޓްރީމް މީޑިއާތަކުގެ ނޫސްވެރިން އެ ވޯކްޝޮޕްގައި ބައިވެރިވާ ކަމަށެވެ.

އެ ވޯކްޝޮޕްގައި ބައިވެރުވުމަށް ސްރީލަންކާ އަށްދާ ނޫސްވެރިންގެ ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރަށް ޕާޑިއަމް ހަމަޖައްސައި ދެނީ ވޯކްޝޮޕް އިންތިޒާމު ކުރާ ފަރާތުން ކަމަށް ވެސް އެމްޖޭ އިން ބުންޏެވެ.

ވޯކްޝޮޕްގައި ބައިވެރިވާނެ ނޫސްވެރިން އެމްޖޭއޭ އިން ހޯދީ އާއްމުކޮށް އިއުލާންކޮށްގެންނެވެ. ބައިވެރިވުމުގެ ޝަރުތެއް ކަމަށް އެމްޖޭއޭ އިން ބުނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހުރުމާއި އިނގިރޭސި ބަސް އެނގުމެވެ.

އެމްޖޭއޭ އިން އަންނަނީ ރާއްޖޭގެ ނޫސްވެރިންގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތަމްރީނުވުމުގެ ފުރުސަތު އެ ޖަމިއްޔާ އިން ވަނީ ރާއްޖޭގެ ނޫސްވެރިންނަށް ކުރިން ވެސް ހޯދައިދީފަ އެވެ.