29 Nov 2010, 09:07
ހަތަރު މަސް ދުވަހަށް ފަހު މޯލްޑިވްސް ބުރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ބޯޑު މެންބަރުންނަށް ފިނޭންސް މިނިސްޓްރީން މުސާރަދީފި އެވެ.
އެމްބިސީގެ ޗެއާމަން އުމަރު މަނިކު މިއަދު ސަން އޮންލައިނަށް ވިދާޅުވީ މުސާރަ ޖަމާވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި މުސާރަ ލިބުނުއިރު ގާނޫނުގައި ކަނޑައެޅިފައިވާ އަދަދަށް މުސާރަ ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މަޖުލީހަށް ފޮނުވި ލިޔެކިޔުންތަކާ އެއްގޮތަށް އެ އޮތީ ފިނޭންސް މިނިސްޓްރީން މުސާރަ ޖަމާކުރައްވާފައި. ރޯދަމަސް ތެރޭގައި ވެސް އޭގެ ތެރެއަށް ވަދެގެން ދިޔައިމާ ރޯދަ މަހުގެ އިނާޔަތް ވެސް ވެސް ލައިގެން އެއޮތީ ފޮނުއްވާފައި،" އުމަރު މަނިކު ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ރަށުން ބޭރުގައި ހުންނެވުމުން ލިބިލެއްވި މުސާރައިގެ ތަފްސީލްތައް ދަންނަވާލަން ދަތި ކަމަށާއި ސަރުކާރުން ގަސްތުގައި މުސާރަ ނުދެއްވީ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ނޫޅެން މުސާރައިގެ ކަންތައް މާބޮޑު އިޝޫއަކަށް ހަދައިގެންނެއް،" އުމަރު މަނިކު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހު މުސާރަ ޖަމާކޮށްދީފައި ވާނެ ކަމަށާއި މީޑިއާ ކޯޑިނޭޓަރު ޗުއްޓީގައި ހުންނެވުމުން ޖަމާކޮށްދިން މުސާރައިގެ އެއްވެސް ތަފްސީލެއް ހާމަކުރެވެން ނެތްކަމަށެވެ.
އެމްބީސީ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ބޯޑުގެ ޗެއާމަންގެ މުސާރަ އަކަށް ހަމަޖައްސާފައި ވަނީ މަހަކު 10000ރ. އެވެ. ވައިސް ޗެއާ ޕާސަންގެ މުސާރައަކީ މަހަކު 9000ރ. އެވެ. ބޯޑުގެ އެހެން މެންބަރުންގެ މުސާރައަކީ މަހަކު 8000ރ. އެވެ.
އެމްބީސީގެ ބޯޑު މެންބަރުންނަށް ގިނަ ދުވަސްތަކަށް ފަހު ސަރުކާރުން މުސާރަ ދިނުމާ ވިދިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ސަރުކާރުގެ މި ނިންމެވުމަށް މަރުހަބާ ކިޔައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އެ ޖަމުއްޔާ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެމްބީސީގެ ބޯޑުގެ މެންބަރުންނަށް މުސާރަ ދިންފަދައިން ދައުލަތުގެ މީޑިއާ ވެސް ވަގުތުން ވަގުތަށް އެމްބީސީ އާ ހަވާލުކުރުމަށް ގޮވާލާ ކަމަށެވެ.
" މިޖަމްއިއްޔާ އިން ދެކޭ ގޮތުގައި، ދައުލަތުން ޚަރަދުކޮށްގެން ދެމީޑިޔާއެއް، (އެމް.އެން.ބީ.ސީ އާއި އެމް.ބީ.ސީ) ހިންގުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. އަދި އެއީ ޑިމޮކްރަސީގެ އުސޫލުތަކާ ވެސް ޚިލާފުކަމެކެވެ،" އެމްޖޭއޭގެ ނޫސްބަޔާނުގައިވެ އެވެ.
މަޖުލީހުން އެމްބީސީގެ ބޯޑަށް މެންބަރުން އައްޔަންކުރީ ޖުލައި12، 2010 ގައެވެ.