17 Oct 2013, 13:30
އެމްޑީޕީން އިލެކްޝަން ކޮމިޝަންގެ ސާވާއަށް ވަންނަމުންދާ ކަމަށް ބުނާ މައްސަލާގެ ހަގީގަތް ބަލަން ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަންގެ ސާވާއަށް "ލައިވްކޮށް" ވަންނަމުންދާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީއިންނާއި ޕީޕީއެމްއިން ފުލުހުނަށް ހުށައަޅާފައިވާ މައްސަލައެއް މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ އެޑްވައިޒަރީ ކޮމެޓީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ ސާވާއަށް އެމްޑީޕީން ވަންނަމުންދާ ކަމަށް ބުނާ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދޮގުކޮށްފަ އެވެ. އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ކަނޑައަޅާ މުވައްޒަފުންނަށް ނޫނީ، އެ ކޮމިޝަންގެ ސާވާއަށް ނުވަދެވޭނެ ކަމަށެވެ.
ޖުމްހޫރީ ގުޅުމުން އިއްޔެ ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވަނީ އެމްޑީޕީން އިލެކްޝަން ކޮމިޝަންގެ ސާވާ އަށް "ލައިވްކޮށް" ވަންނަމުންދާ ކަމަށް ތުހުމަތުކުރައްވައިފި އެވެ. އަދި އޭނާ ވަނީ އެމްޑީޕީން އިލެކްޝަންގެ ސާވާއަށްވަދެ އެމްޑީޕީއިން ބޭނުން ބައެއްގެ ނަންތައް ރަޖިސްޓްރީ ކުރަމުންދާ ކަމަށް ބުނެފައެވެ.