17 Oct 2013, 13:30
އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓުންނަކީ އިންގްލޭންޑެއް ނޫން ކަމަށް އެޓީމުގެ ކޯޗް ކޯޗު ރޯއީ ހޮޖްސަން ބުނެފި އެވެ.
އިނގިރޭސި މީޑިއާތަކަށް ހޮޖްސަން ދީފައިވާ އިންޓަވިއުތަކުގައި ބުނެފައި ވަނީ، ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ވާދަވެރި ބޮޑު މުބާރާތެއް ކަމަށާއި އެމުބާރާތުގައި ވާދަކުރުމަށް ނިކުންނަ ކޮންމެ ޓީމަކީ ވެސް ހީނުކުރާ ވަރުގެ މޮޅު ޓީމް ތަކެއް ކަމަށެވެ. އަދި މުބާރާތުގެ ފޭވަރިޓުންނަކީ އިންގްލޭންޑޭ އަދި ބުނެވޭކަށް ނެތް ކަމަށާއި އެހެން ބުންޏަސް ގިނަ ބަޔަކު އެކަން ގަބޫލެއް ނުކުރާނެ ކަމަށް ހޮޖްސަން ބުންޏެވެ.
"ވޯލްޑް ކަޕްގެ ފޭވަރިޓުންނަކީ އިންގްލޭންޑެއް ނޫން. މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކީ ވެސް ހީނުކުރާ ވަރުގެ ނަތީޖާ ނެރިދާނެ ޓީމްތަކެއް. އެންމެ ރަނގަޅު ނަތީޖާ އަދި ހޯދިޔަސް ފަހުން ވާނެ ގޮތެއް ނޭގެ. އާހިރުގައި ކަންހިގާފައި އޮތީ އެހެން. އެންމެ މޮޅު ޓީމްކަމަށް ގިނަ ބަޔަކު ބުނާ ޓީމް ވެސް ގިނަ ފަހަރަށް އޮންނަނީ ކަޓާފައި" ހޮޖްސަން ބުންޏެވެ.
ބްރެޒިލްގައި އަންނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް އިންގްލެންޑް ވަނީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ކޮޅިފައި ވެފަ އެވެ. އެ ޓީމް ގްރޫޕްގެ އެއްވަނަ ކަށަވަރިވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕޮލެންޑް އަތުން 2-0 އިން މޮޅުވި މެޗަށްފަހު އެވެ. ގްރޫޕްގެ އެއް ވަނަ މަގާމްގައި އިންގްލޭންޑް އޮތީ 22 ޕޮއިންޓާ އެކު އެވެ.
ހޮޖްސަން ބުނީ، މުބާރާތައް އިންގްލޭންޑް ކޮލިފައިވި ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އެގޮތުން ކޮލިފައިން ބުރުގައި އިންގްލެންޑް ކުޅުނު 10 މެޗުން 22 ޕޮއިންޓް ހޯދި އިރު ބައިކޮޅަށް ވަނީ އެންމެ ހަތަރު ލަނޑު ކަމުން މިއީ ރަނގަޅު ރެކޯޑެއް ކަމަށް ކޯޗް ހޮޖްސަން ބުންޏެވެ.