އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓް ލިސްޓުން މައްސަލަތަކެއް އެމްޑީޕީން ފާހަގަކޮށްފި އެވެ.

މިއަދު އެ ޕާޓީ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ މަހު 7 ވަނަ ދުވަހު ވޯޓު ހައްގުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ މީހުންގެ ޖުމްލަ ޢަދަދަށް ވުރެ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓު ހައްގުވާ މީހުންގެ އަދަދު 395 މަދު ކަމަށެވެ.

"7 ސެޕްޓެމްބަރު 2013ގައި ވޯޓު ހައްގުވާ މީހުންގެ ޖުމްލަ ޢަދަދަށް ވުރެ 395 މީހުން 19 އޮކްޓޯބަރު 2013ގައި ވޯޓު ހައްގުވާ މީހުންގެ ޖުމްލަ އަދަދަށް ވުރެ މަދުކަމަށް ފާހަގަކުރެވޭ." އެމްޑީޕީ އިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނެފައި ވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ ރަޖިސްޓްރީއަކީ މަސްދަރުކަމަށް ބަލައިގެން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓާއި 7 ސެޕްޓެމްބަރުގެ ވޯޓާސް ލިސްޓާ އަޅާ ބަލާ އިރު 2258 އައިޑީ ކާޑު އިތުރުވެފައިވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަން އިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އެއީ މަސްދަރުކަމަށް ބަލައި ތައްޔާރުކުރި ލިސްޓާ އަލާ ބަލާ އިރު 2258 އައިޑީ ކާޑު އިތުރުވެފައިވާކަން ފާހަގަކުރެވޭ." އެ ބަޔާންގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހު 18 އަހަރު ފުރި އަލަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކުދިންގެ އަދަދަކީ 789 ކުދިން ކަމަށާއި އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދުން އެ އަދަދު ކެނޑުމުން 1469 މީހުން ވޯޓާސް ލިސްޓަށް އިތުރުވެފައިވާ ކަމަށެވެ.

އެބަޔާންގައި ބުނެފައި ވަނީ ފާހަގަކުރެވުނު މައްސަލަތަކާއި އަޅާބަލާ އިރު އެއަދަދަކީ ކުޑަ އަދަދެއް ކަމަށެވެ. އަދި އެ މައްސަލަތަކާ އެކުގައި ވެސް އެ ލިސްޓް ބަލައިގަންނަ ކަމަށް އެމްޑީޕީ އިން ބުންޏެވެ.