17 Oct 2013, 11:58
ޕީޕީއެމްގެ ސަރުކާރެއްގެ ފަސް އަހަރު ނިމިގެންދާ އިރު އާބާދީގައި ބޮލަކަށް ޖެހޭ އާމްދަނީ 12،000 ޑޮލަރަށް ހަދާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭ ދޮށިމައިނާ މާލަމުގައި ޕީޕީއެމުން ރޭ ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމްގެ ފަސް އަހަރުގެ ސަރުކާރެއް ނިމިގެންދާއިރު ރާއްޖޭގެ އިގްތިސާދު އޮންނާނީ އެއް ވަނާގައި ކަމަށާއި އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދައުލަތުގެ އެހީތެރި ކަމަށް ބޭނުންވާ މީހުންނަށް ބޭނުންވާ ޒަރޫރީ ހަރަދުތައް ހަމަޖެހިގެންދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"1979 ގެ އަހަރުތަކުގައި ރާއްޖޭގައި މީހެއްގެ ބޮލަކަށް ޖެހޭ އާމްދަނީ އަކީ 180 އެމެރިކާ ޑޮލަރު. އެހެން ނަމަވެސް އަދު ރާއްޖޭގެ އާމްދަނީގައި ބޮލަކަށް ޖެހޭ މިންވަރު މިވަނީ 6،500 ޑޮލަރަށް ވުރެ މަތީގައި. އިރާދަ ކުރެއްވިއްޔާ ޕީޕީއެމްގެ ފަސް އަހަރުގެ ސަރުކާރެއް ނިމުގެންދާއިރު ރާއްޖޭގެ އާމްދަނީގައި މީހެއްގެ ބޮލަކަށް ޖެހޭ މިންވަރު 12،000 ޑޮލަރަށް ހަދާނަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ޓުއަރިޒަމް ސިނާޢަތުގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ ތަފާތު އެކި މައްސަލަތައް ހައްލު ކުރުމަށް "މީޑިއޭޝަން ކޮމެޓީ"އެއް އުފައްދަވާނެ ކަމަށެވެ. އަދި އެ ކޮމެޓީ މެދުވެރިކޮށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހަތަރު ދުވަހުގެ ތެރޭގައި ހައްލު ކޮށްދެއްވާނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގައި އުޅޭ މީހުންނަށް ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ މައްސަލަތައް ދިމާވެގެން ކޯޓަށް ދާން ނުޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއް އުފެދިގެން ދާއިރު ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބޭއިންސާފު ގޮތެއްގައި އެ ވަޒީފާ އިން ވަކިވެގެން ހިނގައްޖެ ކަމަށްވާ ނަމަ ނޫނީ އެ ކުދިންނަށް މުސާރަ އިތުރުކުރަން ބޭނުންވާ ހާލަތްތަކުގަ މުސާރަ އިތުރު ވެގެން ނުދާނަމަ މީގެ ހައްލު ވެސް އެބަ އޮތް. މީގެ ހައްލަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއް ގޮތަކަށް ވެސް ޝަރުއީ ކޯޓުތަކަށް މައްސަލަ ގެންދިއުމެއް ނޫން. މީގެ ހައްލަކީ މީޑިއޭޝަން ޕްރޮސެސް. އެއީ ދެ ފަރާތުން ވާހަކަ ދައްކައިގެން ތިން ފަރާތް ގުޅިގެން އުފެދޭ މީޑިއޭޝަން ކޮމެޓީތަކެއް،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ޓުއަރިޒަމް ދާއިރާ އަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާއިރު އެ ދާއިރާގައި ވަޒީފާ އަދާކުރާ މީހުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ޓޫރިޒަމް ޓްރައިބިއުނަލް އެއް އުފައްދަވާނެ ކަމަށެވެ. އެގޮތުން މީޑިއޭޝަން ކޮމެޓީން ހަތަރު ދުވަހުގެ ތެރޭގައި މައްސަލަ އެއް ހައްލު ނުކުރެވިއްޖެނަމަ ޓޫރިޒަމް ޓްރައިބިއުނަލް ހުށަހަލައިގެން އެ މައްސަލަ ހައްލު ކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ވެސް އެ ތަނަށް މައްސަލަ ހުށަހެޅޭތާ ހަތަރު ދުވަހުގެ ތެރޭގައި މައްސަލަ ހައްލު ކޮށްދޭން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އާންމުދަނީ އިތުރުކޮށް ދާއިރާ ކުރިއެރުވުމަށްޓަކައި އެ ދާއިރާފގައި މަސައްކަތް ކުރާ މީހުންނަށް އެ މަސައްކަތް ކުރާ ރިސޯޓަކުން ނުވަތަ ސިނާޢަތުގައި މަސައްކަތް ކުރާ ތަނަކުން ހިއްސާ ގެނެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި އެކަން ހަމަޖައްސާނީ ރިސޯޓް ތަކުގެ އޯނަރުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ އިސްފަރާތްތަކާއި މަޝްވަރާ ކޮށްގެން ކަމަށް ޔާމީން ވިދާޅުވި އެވެ.