17 Oct 2013, 10:55
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންތައްތައް ހިނގަމުންދާ ގޮތް ބަލަން އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުޖާތާ ސިންގް ރާއްޖެ ވަޑައިގެންފި އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ފޮރިން ސެކްރެޓަކީ ރާއްޖެ ވަޑައިގެން އިންތިހާބު ބޭއްވުން ލަސްވިޔަ ނުދިނުމަށް ހުރިހާ ޕާޓީތަކާއެކު މިއަދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ރައީސް މުހައްމަދު ވަހީދާ ވެސް ބައްދަލުކުރައްވާނެ ކަމަށް އެ ނޫސްތަކުގައި ބުނެފައިވެ އެވެ.
ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ބެހޭ އިތުރު ތަފުސީލެއް އިންޑިއާއިން ހާމަކޮށްފަ އެއްނުވެ އެވެ.
ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ކަންތައްތަކާ ބެހި އެކިއެކި ކަންތައްތައް އިންޑިއާއިން ފާޑުކިޔަމުންދެ އެވެ. އަދި މިދިޔަ މަހުގެ 28 ވަނަ ދުވަހު ބާއްވަން އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ސުޕްރީމް ކޯޓުން ފަސްކޮށްފައި ވަނިކޮށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ރަޖީވް ޝަހާރޭ ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައިވެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ހައިކޮމިޝަނުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ބަދަލުވުމާ ގުޅިގެން ހަމަނުޖެހުން އުފެދިފައި ވަނިކޮށް އިންޑިއާގެ އޭރުގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ ވަނީ އެކި ފަހަރު މަތިން ރާއްޖެ ވަޑައިގެން ސިޔާސީ ފަރާތްތަކާ މަޝްވަރާކުރައްވައިފަ އެވެ. އެކަމަކު އެއިން އެއްވެސް މަޝްވަރާއަކުން ނަތީޖާއެއް ހާސިލްވެފައެއްނުވެ އެވެ.