ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުއްވި ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު މިއަދު ހަވީރު 4 ޖަހާ އިރަށް އިތުރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އިސް އޮފިޝަލަކު ދެންމެ ވިދާޅުވީ ގިނަ އަދަދެއްގެ ފޯމްތައް އަދިވެސް ޕްރޮސެސް ނުކޮށް ހުރުމުގެ ސަބަބުން މިއަދު ހަވީރު 4 ޖަހަންދެން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރަޖިސްޓްރީ ކުރަން ހުށައެޅި ފޯމްތައް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ހުޅުވާލި މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ. އެ މުއްދަތުގައި ވެސް ގިނަ ފޯމްތަކެއް ޕްރޮސެސް ނުކުރެވި ހުރުމުން އެ ފުރުސަތު އަނެއްކާ ވެސް އިއްޔެ އިރުއޮއްސި 6:00 އަކަށް އިތުރުކުރި އެވެ. އަދި އެވަގުތާ ހަމައަށް ވެސް ފޯމްތައް ޕްރޮސެސް ނުވުމުގެ ސަބަބުން ވަނީ ރޭ ދަންވަރު 2:00 އަކަށް އެ ފުރުސަތު އިތުރުކޮށްފަ އެވެ.

ސަން އެނގިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ފޯމްތަކެއް އަދިވެސް ޕްރޮސެސް ނުކުރެވި އެބަހުއްޓެވެ. ރޭ އިރާކޮޅު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްކޮންފަރެއްސެއްގައި އެ ކޮމިޝަނުން ބުނީ އެހާތަނަށް 10،000 އަށް ވުރެ ގިނަ މީހުންގެ ފޯމް ޕްރޮސަސް ނުކޮށް ހުރި ކަމަށެވެ.

ވޯޓު ނެގުމަށް 48 ގަޑި އިރަށް ވަގުތު ގާތްވަމުން އަންނަ އިރު އިލެކްޝަނުން ކުރަން ޖެހޭ ގިނަ ކަންތައްތައް ނުނިމި ހުރި ކަން ފާހަގަކޮށް ސިޔާސީ ބައެއް ޕާޓިތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ވޯޓު ނެގުމަށް 48 ގަޑި އިރަށް ވަގުތު ގާތްވަމުން އަންނަ އިރު އިލެކްޝަނުން ކުރަން ޖެހޭ ގިނަ ކަންތައްތައް ނުނިމި ހުރި ކަމަށް ފާހަގަކޮށް ރޭ އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ސުވާލުކުރުމުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ވަރަށް ބުރަކޮށް އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިންތިހާބުގެ ކަންކަން ނުނިމޭ ނަމަ އެކަންކަން ނިންމާނީ އެދުވަހުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއް ކަމަށް ފަހު އަނެއްކަން ކުރަމުން އަންނަ ކަމަށާއި ކަނޑައަޅައި މަސައްކަތް ނިމޭނެ ވަކި އިރެއް ވިދާޅުވާން ނޭނގޭ ކަމަށެވެ.