ރަށް ވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ ފޯމްތައް އަދިވެސް އެއްކޮށް ޕްރޮސެސްކޮށް ނުނިމޭ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އަދިވެސް ގިނަ އަދަދެއްގެ ފޯމްތަކެއް ޕްރޮސެސްކޮށް ނުނިމި ހުރި ކަމަށާއި އެކަން ލަސްވަނީ ލިބުނު ވަގުތު ކުޑަވެފައި ގިނަ ފޯމްތަކެއް ޕްރޮސެސްކުރަން ޖެހުމުން ކަމަށެވެ.

ނަމަވެސް ޕްރޮސެސް ނުކުރެވި ހުރީ ކިހާ އަދަދެއްގެ ފޯމެއް ކަމެއް އޭނާ ވެސް ވިދާޅެއްނުވެ އެވެ.

ރޭ އިރާކޮޅު އިލެކްޝަންސް ކޮމިޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވެފައި ވަނީ އެހާތަނަށް 56240 މީހުން ރީ ރަޖިސްޓްރީކޮށްފައިވާ އިރު 10000 އަށް ވުރެ ގިނަ ފޯމް ރީ ރަޖިސްޓުރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރޭ އެފޯމްތައް ޕްރޮސެސްކޮށް ނިންމާލެވޭނެ ކަމަށް ބުންޏެވެ.

އެބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ މިއަދު ހެނދުނު ވޯޓާސް ލިސްޓު ޗާޕްކުރެވޭތޯ ކަމަށެވެ.

ގިނަ އަދަދެއްގެ ފޯމްތަކެއް މިހާތަނަށް ވެސް ޕްރޮސެސް ނުކުރެވި ހުރި އިރު އެފޯމްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ރޭ ދަންވަރު 2:00 ޖެހުމާ އެކު ވަނީ ހަމަވެފަ އެވެ.

ވޯޓު ނެގުމަށް 48 ގަޑި އިރަށް ވަގުތު ގާތްވަމުން އަންނަ އިރު އިލެކްޝަނުން ކުރަން ޖެހޭ ގިނަ ކަންތައްތައް ނުނިމި ހުރި ކަން ފާހަގަކޮށް ސިޔާސީ ބައެއް ޕާޓިތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.