17 Oct 2013, 09:50
ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗްކަމުގެ މަގާމްގައި ހުރި ހަންގޭރީގެ އިސްތަވާން އުރުބާނީ ކޯޗް ކަމުގެ މަގާމުން ވަކިކޮށްފި އެވެ.
އެފްއޭއެމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޗް މަގާމުން ވަކިކުރީ އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދުގެ އެދުމުގެ މަތިން ކޯޗާ ދެމެދު މަޝްވަރާ ކުރުމަށް ފަހު އެވެ. އަދި މިއަދުގެ ވަގުތެއްގައި ކޯޗު އެބުރި އޭނަގެ ގައުމަށް ފުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ދިވެހި ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ބަޔެއްގެ ފާޑްކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި އުރުބާނީ ފޮނުވާލަން އެފްއޭއެމް އިން ނިންމާފައިވާ އިރު އިއްޔެ ރޭ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއެކީ ރުބާނީ ވަދާއީ ޕާޓީ ބާއްވާފަ އެވެ.
އޮފިޝަލް ވިދާޅުވީ، އުރުބާނީ ފޮނުވާލުމާ އެކު ރާއްޖޭގައި އަންނަ އަހަރު ބާއްވާ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތައް އާ ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް ގައުމީ ޓީމަށް ކޯޗަކު ހަމަޖައްސާނެ ކަމަށެވެ.
ގައުމީ ޓީމަށް ދެ ފަހަރެއްގެ މަތިން އުރުބާނީ ކޯޗުކަން ކޮށްދީފައިވާ އިރު 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލާ ހަމައަށް ޓީމު ގެންދެވުނު ނަމަވެސް އެފަހަރު ޕެނަލްޓީ ޖަހައިގެން ގައުމީ ޓީމް ވަނީ އިންޑިއާ އަތުން ބަލިވެފަ އެވެ. އަދި ދެވަނަ ފަހަރު ޓީމާ ހަވާލުވީ 2011 ވަނަ އަހަރު ދިއްލީގައި އޮތް ސާފް ޗެމްޕިއަން އަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެފަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި އިންޑިއާ އަތް ދަށުވި އިރު އެންމެ ފަހުން ނޭޕާލްގައި ނިމުނު ސާފް ޗެމްޕިއަންޝިޕުން ވެސް ރާއްޖެ ބަލިވީ އިންޑިއާ އަތްދަށުވެ އެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިފަހަރު ނޭޕާލުގައި ނިމި ދިޔަ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމް އެންމެ ވަރުގަދަކޮށް އޮތް ފަހަރު ކަމަށްވެފައި، އަދި އިންޑިއާ ޓީމް އެހެން ފަހަރުތަކަށް ވުރެ ބަލިކަށިކޮށް އޮތް ފަހަރަށް ވިއަސް، އިންޑިއާ އަތުން ރާއްޖެ އަށް މޮޅު ނުވެވުނީ ކޯޗަށް މެޗު ރަނގަޅަށް ދެނެގަންނަން ނޭނގުމާއި ޓީމަށް ބަދަލު ގެންނަން ޖެހޭ ވަގުތު ތަކުގައި ރަނގަޅު ބަދަލުތަކެއް ނުގެނެވުމުގެ ސަބަބުންނެވެ. އެހެން ކަމުން އެ ތިން މުބާރާތުގައި ވެސް އުރުބާނީ އަށް ޓީމާ އެކު ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާތީ އުރުބާނީ މިހާރު އިސްތިއުފާ ދޭން ޖެހޭ ކަމަށް ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ބުނަމުން ދިޔަ އެވެ.
އުމުރުން 46 އަހަރުގެ އުރުބާނީ ވަނީ ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާގެ އަމިއްލަ ގައުމު ކަމަށްވާ ހަންގޭރީގެ ބޮޑެތި ކްލަބް ތަކުގެ ޔޫތު ޓީމު ތަކާ އެކު ސީނިއާ ޓީމުތަކަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ.
އުރުބާނީ ވަނީ، ރާއްޖޭގެ 23 އަހަރުން ދަށުގެ ޒުވާން ޓީމާ އެކު 2012 ވަނަ އަހަރު ސްރީ ލަންކާގައި އޮތް ރާޖަ ޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އަށް ހޯދައި ދީފަ އެވެ.