29 Nov 2010, 09:07
ގިނައަދެއްގެ ސޯމާލިއާ މީހުން ރާއްޖެ އަށް "ލައްގަމުން" ދާތީ ޑީއާރުޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިއަދު މެންދުރު ޑީއާރުޕީން ބޭއްވި ނިއުސް ކޮސްފަރެންސްގައި ޑީއާރުޕީގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ ސޯމާލިއާގެ ގިނަ އަދެއްގެ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުން ދާތީ އެކަމާ ޑީއާރުޕީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި ރާއްޖޭގެ ސަރައްހަދު ރައްކާތެރިކޮށް ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން ގެއްލިފައިވާ ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ރައްކާތެރިކަން ގެއްލިފައިވާ ކަމަށް ޑީއާރުޕީން ދެކޭ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ މީގެކުރިން އެކަމުގެ ކަންބޮޑުވުން ހުރީ "ލެވަލް ވަން" [އެއް ވަނަ ލެވެލް]ގައި ކަމުގައިވިއަސް އިއްޔެ މެންދުރު ފުވައްމުލަކަށް އެރި ސޯމާލިއާ މީހުންގެ ސަބަބުން ކަންބޮޑުވުން އިތުރުވެފައިވާ ކަމަށެވެ.
"އިއްޔެ އަޅުގަނޑުމެންނަށް މި ފެނުނީ ހާލު އެހާ ދެރަނޫން.. އެމީހުން ދަތުރުކުރި އުޅަނދުވެސް ކަނޑުމަތީގައި އެހާ ގިނަ ދުވަސް ވެފައިވާކަމަށް ނުދައްކާ ބަޔަކު ރާއްޖޭގެ ވަކިން އޮތް ބޮޑު ރަށަކަށް އެރިތަން." އަލީ ވަހީދު ވިދާޅުވި އެވެ.
އެ ގޮތަށް ރާއްޖެ އަށް އަންނަ މީހުންނަކީ "ލައްގާ" މީހުން ކަމުގައި ބަލައިގަތުން ދޫކޮށްލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިވީތަނަށް ވެސް ސޯމާލިއާ އިން "ލައްގާ" މީހުންގެ މައުލޫމާތު ސާފުކޮށް ރައްޔިތުންނާއި މީޑިއާއަށް ސަރުކާރުންނާއި ސަލާމަތީ ފަރާތްތަކުން ފޯރުކޮށްދީފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިވީހާތަނަށް އަޅުގަނޑުމެންނަށް ފެނިފައެއްނެތް ލައްގާ މީހުންނަށް ވަމުންދާ ގޮތުގެ ޓްރާންސްޕޭރަންޓް [ދެފުއްފެއްނަ] މައުލޫމާތެއް ރައްޔިތުންނަށް ހިއްސާވެފައިވާތަން. އެ މީހުންގެ ދަތުރު ނާމާގެ މައުލޫމާތެއް ވެސް ސަލާމަތީ ބާރުތަކުން ވެސް ސަރުކާރުގެ އެއްވެސް ފަރާތަކުން ވެސް ހާމަކޮށްދީފައެއް ނުވޭ." އަލީ ވަހީދު ވިދާޅުވި އެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުންނަކީ މިވަގުތު ދުނިޔެގޭގައި ތިބި އެންމެ ނުރައްކާތެރި ކަނޑުފޭރޭ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހެންކަމުން މިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވެސް ސީރިއަސް ނަޒަރިއްޔާތަކުން ވިސްނުމަށް އަޅުގަނޑުމެން ގޮވާލަން."
ޑީއާރުޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަފީޤް ހަސަން ވަނީ އެކަމާ ގުޅޭ މައްސަލައެއް ރައްޔިތުން މަޖިލީހަށް ހުށަހަޅާފައި އެވެ.
ރަފީޤް ވިދާޅުވީ ސޯމާލިއާ ބަޔަކު ކުއްލިއަކަށް އައިސް ފުވައްމުލަކަށް އެރުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއްކަމަށެވެ. އަދި އެއީ މީގެ ކުރިން ދިމާވެފައިވާ މައްސަލަތަކާ ހިލާފު މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް ވިހި ފޫޓުގެ ޑިންގިއެއްގައި ސޯމާލިއާ ބަޔަކު ކުއްލިއަކަށް އައިސް ފުވައްމުލަކަށް އެރީ. އެއީ އެހެން މައްސަލަތަކާ ހިލާފު މައްސަލައެއް."
އޭނާ ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ޓޫފޯވަން ކޮމެޓީން ބަލައިދިނުމަށް އެދިފައިވާނޭ ކަމަށެވެ. ރައްޔިތުން މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ޑީއާރުޕީން ހާމަކޮށްފައެއްނުވެ އެވެ.