16 Oct 2013, 22:27
މިދިޔަ މަހުގެ 28 ވަނަ ދުވަހު ނުބާއްވައި ކެންސަލް ކުރި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމާ ގުޅޭ މައްސަލަ ހޫނުވެފައި ވަނިކޮށް، އިންޑިއާ ސަފީރު ރަޖީވް ޝަހަރޭ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން އެތަނުގެ މެމްބަރުންނާ ބައްދަލުކުރެއްވީ "ސްޓޭޓަސް(ހާލަތު) އަހާލުމަށް" ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާތަކަށް މިހާތަނަށް އެއްވެސް ފަރާތަކުން ބަހެއް ބުނެފައިނުވާ އިރު މި ރޭ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ސުވާލުކުރުމުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންޑިއާ ސަފީރު ރަޖީވު ޝަހާރޭ ބައްދަލުކުރެއްވީ "ކޮމިޝަންގެ ޖަލްސާއެއް ހިނގަމުން ދަނިކޮށް ނޫން" ކަމަށާއި "އެބޭފުޅުން ކުރެއްވި ސުވާލަކީ އިންތިހާބާ ގުޅޭ ގޮތުން މިހާރުގެ ސްޓޭޓަސްއަކީ ކޮބައިތޯ" ސާފު ކުރައްވަން ކަމަށެވެ.
ފުއާދު ވިދާޅުވީ ކޮމަންވެލްތު އޮބްޒާވް ގްރޫޕްގެ ވެރިޔާ އާއި އިންޑިއާ ސަފީރު ވެސް ކުރެއްވި ސުވާލަކީ އެއީ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް އިންޑިއާގެ ހައި ކޮމިޝަނަރު ޝަހާރޭ ވަޑައިގަތީ ކީއްކުރަންތޯ އެ ދުވަހު "ސަން" އިން ދެންނެވުމުން އޭނާ ވަނީ ވާހަކަ ނުދައްކަވައި ފޯނު ކަނޑުއްވާލައްވައިފަ އެވެ. އަދި ޑެޕިއުޓީ ހައި ކޮމިޝަނަރު ރަނާ ވެސް ފޯން ކަނޑުއްވާލެއްވީ އެވެ.
އެ މައްސަލާގައި ޝަހަރޭ ވަނީ އެ ރޭ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ. އަދި ފޮރިން މިނިސްޓްރީން އެ ރޭ ވަނީ ރާއްޖޭގެ ދާހިލީ ކަންކަމާ އެއްވެސް ފަރާތަކުން ނުބެހުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އިންޑިއަން ހައި ކޮމިޝަނަރު އިލެޝަންސް ކޮމިޝަނަށް ވަޑައިގަތް ކަމުގެ ހަބަރު މީޑިއާ އިން އިވިފައިވާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވަނީ ބުނެފަ އެވެ.