ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމާ ގުޅިގެން އަލުން ބާއްވާ ރިޔާސީ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވޭތޯ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ވޯޓު ނެގުމަށް 48 ގަޑި އިރަށް ވަގުތު ގާތްވަމުން އަންނަ އިރު އިލެކްޝަނުން ކުރަން ޖެހޭ ގިނަ ކަންތައްތައް ނުނިމި ހުރި ކަމަށް ފާހަގަކޮށް މި ރޭ އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ސުވާލުކުރުމުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ "ނިދުމެއް އަރާމްކުރެމެއް ނެތި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ" ކަމަށާއި ހޮނިހިރު ދުވަހު އިންތިޙާބު ބޭއްވޭތޯ ބުރަކޮށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ފުއާދު ވިދާޅުވީ ވަގުތު ކުޑަވުމުން "ވަގުތު ފަހާ ދުވަން ޖެހޭ" ކަމަށާއި މީގެ ކުރިން ބައި އިލެކްޝަންތައް ބޭއްވުމަށް ވެސް 45 ވަރަކަށް ދުވަސް ލިބޭ އިރު މިފަހަރު އިންތިހާބު ބޭއްވުމަށް ލިބުނީ 11 ދުވަސް ކަމަށެވެ.

އިންތިހާބު ލަސްކުރަން ޖެހިދާނެ އެއްވެސް ހާލަތައެއް އަތުވެދާނެތޯ "ސަން" އިން ތަކުރާރުކޮށް ސުވާލުކުރުމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ "ހުކުމް ކިޔާކިޔާ ވެސް ލަސްކުރެވޭނެ ކަމަށް އޮތް ތަނެއް ނުފެންނަ" ކަމަށާއި ސުޕުރީމް ކޯޓަށް އިންތިހާބު ލަސްކުރުމަށް ދިޔުމަށް ނުވިސްނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓްލާ މީހުންގެ ލިސްޓް ކެންޑިޑޭޓުންނާ ހަވާލުކުރެވޭނެ ވަކި ވަގުތެއް އަދި ބުނަން ނޭނގޭ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ލިސްޓުގައި ހުރިހާ ކެންޑިޑޭޓުން ވެސް ސޮއިކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ސޮއި ނުކުރައްވައިފި ނަމަ ކަން ކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރީ ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން ކިހާ އަދަދެއްގެ ޝަކުވާއެއް ހުށައަޅާފައިވޭތޯ ސުވާލުކުރުމުން މަނިކު ވިދާޅުވީ ވަކި އަދަދެއް އަދި އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް ހުށައަޅާ ހުރިހާ މައްސަލައެއް ވެސް ބަލަމުންދާ ކަމަށެވެ. އަދި މިހާތަނަށް 56240 މީހުން ރީ ރަޖިސްޓްރީކޮށްފައިވާ އިރު އަދި ވެސް 10000 އަށް ވުރެ ގިނަ ފޯމް ރީ ރަޖިސްޓުރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.