16 Oct 2013, 18:33
ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުއްވި ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިރޭ ދަންވަރު 2:00 އާއި ހަމައަށް ކަމަށެވެ. އަދި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައި ވަނީ މިރޭ 12:00އާ ހަމައަށް ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅި ފަރާތްތަކުން އިލެކްޝަންސްގެ ނަންބަރު 1414 އަށް އެސްއެމްއެސް ކުރެއްވުމުން ނުބައި މައޫލޫމާތު ލިބިލައްވާކަމަށްވާނަމަ އެ މައްސަލަ ވެސް ޝަކުވާއެއްގެ ގޮތުގައި ހުށަހަޅަންޖެހޭނެ ކަމަށް އާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް ތައްޔާރުކޮށް މާދަމާގެ ވަގުތެއްގައި ކެންޑިޑޭޓުންނަށް ފޮނުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރީ- ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ހުރިހާ ފޯމްތައް ޕްރޮސެސްކޮށް އަދި ނުނިމޭ ކަމަށާއި ވަރަށް ބާރު ސްޕީޑުގައި އެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.