އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބާތިލު ކުރުމުގެ ކުރިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ބާތިލު ކުރުމަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ލޯޔަރު ވައްޑޭ ވިދާޅުވީ އެ މައްސަލަ އޭނާ އަނބުރާ ނުގެންދަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބަންދު ދުވަސްވަރެކޭ ކިޔާފައި އެ މައްސަލައާ މެދު ގޮތެއް ނުނިންމައި ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި މުއާލާތް ކެނޑުމުގެ ކުރިން އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

"ކެންޑިޑެސީ ގާނޫނާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފަ އޮތް ވަގުތު. އެހެން ވީމާ މިއީ ބަންދު ދުވަހެކޭ ބަންދު ދުވަސްތަކެއް ކަމަށް ބުނެ ވޯޓުލުން ހޮނިހިރު ދުވަހު އޮންނަ އިރުގައި އަޅުގަނޑު ހުށަހެޅިތާ މިހާ ގިނަ ދުވަސް ވެގެންދާއިރުގައި އަދި ވެސް ގަބޫލުފުޅެއް ނުކުރައްވާ. އެހެންވީމާ މި މައްސަލަ ގަބޫލުފުޅު ކުރެއްވުމާއި ނުކުރެއްވުމަކީ ސުޕްރީމް ކޯޓުގެ ކަމެއް. އެ މައްސަލަ އަޅުގަނޑު ނުގެންނާނަން. ގެންނާކަށް ބޭނުމެއް ވެސް ނޫން. މިއީ ކެންޑިޑެސީގެ ވަގުތު. ކެންޑިޑެސީގެ ވަގުތުގައި އެކަން ކުރަންވާނީ،" ވައްޑޭ ވިދާޅުވި އެވެ.

ގާނޫނު ބުނާ ގޮތުން އެއްވެސް މީހެއްގެ ކެންޑިޑެސީ ބާތިލު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭނީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުންނެވެ.