ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުންދާ ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 17 އަހަރުގެ އަންހެންކުއްޖަކާ "ގަދަކަމުން ބަދުއަޚުލާގީ އަމަލު" ހިންގި ކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ ފިރިހެކަނަކު ރޭ ގދ. ތިނަދޫން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރޭ 11:45 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު އެ މައްސަލައާ ގުޅިގެން އެ ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ ރޭ 12:00 ޖާހާ އެހައިކަންހާއިރު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގދ. ތިނަދޫ ޕޮލިސްޓޭޝަނުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ތިނަދޫން ވާހަކަދެއްކި މީހަކު ބުނީ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ އެ އަންހެން ކުއްޖާ އަކީ އެ އަތޮޅުގެ އެހެންރަށަކަށް ނިސްބަތްވާ ކުއްޖެއް ކަމަށެވެ.