މިދިޔަ މަހުގެ ނިޔަލަށް ސްރީލަންކާ އަށް ދަތުރުކުރި ދިވެހިންގެ އަދަދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާ އިރު 34.5 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކަނި ވެސް ލަންކާ އަށް 4،977 ދިވެހިން ދަތުރުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެ ގައުމަށް ދަތުރުކޮށްފައި ވަނީ 3،701 ދިވެހިންނެވެ.

ސްރީލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެ ގައުމަށް 40،267 ދިވެހިން ދަތުރުކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 30.2 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލަންކާ އަށް ދަތުރުކޮށްފައި ވަނީ 38،938 ދިވެހިންނެވެ.

އެ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ އެ ގައުމަށް ވަނީ 801،210 ޓޫރިސްޓުން ދަތުރުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 15 ޕަސެންޓް އިތުރު އަދަދެކެވެ.

ލަންކާގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ގައުމަށް ވަނީ 89،761 ޓޫރިސްޓުން ދަތުރުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 26.2 ޕަސެންޓް އިތުރު އަދަދެކެވެ.

އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ލަންކާ އަށް ވެސް މިހާރު އެންމެ ގިނައިން ދަތުރުކުރަނީ ޗައިނާ މީހުންނެވެ. މިދިޔަ މަހުގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރި ޗައިނާ ޓޫރިސްޓުންގެ އަދަދު ވަނީ 81.2 ޕަސެންޓް އިތުރުވެފަ އެވެ. ރާއްޖެ އަށް ވެސް މިހާރު އެންމެ ގިނައިން ދަތުރުކުރަނީ ޗައިނާ މީހުންނެވެ.

ލަންކާ އަށް މިދިޔަ މަހުގެ ނިޔަލަށް 89،761 ޓޫރިސްޓުން ދަތުރުކުރިއިރު ރާއްޖެއިން ލަފާކޮށްފައި ވަނީ މި އަހަރުގެ ނިޔަލަށް 1.4 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 627،000 ޓޫރިސްޓުންނެވެ.

އެއާޕޯޓުގައި ބޭނުންކުރާ ބޯޑާ ކޮންޓްރޯލް ސިސްޓަމް ބަދަލުކުރުމާ ގުޅިގެން ފާއިތު ދެ މަސް ދުވަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމް ޖީއެސްޓީ އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.