16 Oct 2013, 15:57
ރަށް ވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރެޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ ފޯމްތަކުގެ ތެރެއިން 52000 ފޯމް މިހާތަނަށް ޕުރޮސެސް ކުރެވިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު މިއަދު "ސަން"އަށް ވިދާޅުވީ މިހާރު ވެސް ރީ ރެޖިސްޓްރޭޝަންގެ ފޯމްތައް ޕުރޮސެސް ކުރަމުންދާ ކަމަށާއި މިހާތަނަށް 52000 ފޯމް ޕުރޮސެސްކޮށް ނިމިފައިވާ ކަމަށެވެ. ބާކީ ހުރި ފޯމްތަކުގެ އަދަދެއް އަދި ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެން މަސައްކަތުގައި ދޯ އެ ދަނީ، ދެން އެއްކޮށް ޕުރޮސެސްވީމަ އެގޭނީ ޖުމްލަ ރީޖަޖިސްޓްރޭޝަނަށް ފޯމް ހުށަހެޅި މީހުންގެ އަދަދު،" އާސިމް ވިދާޅުވި އެވެ.
ބާތިލްކޮށްފައިވާ ރިޔާސީ އިންތިހާބުގައި ރަށް ވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 60،000 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ކުރި އެވެ. އެހެން ކަމުން މިހާތަނަށް ރެޖިސްޓުރީކުރެވިފައިވާ މީހުންގެ އަދަދަށްބަލާއިރު ބާތިލް ކުރި އިންތިހާބުގައި ރީ ރަޖިސްޓްރީ ކުރި މީހުންގެ އަދަދަށް ވުރެ މިފަހަރު ރަޖިސްޓްރީ ކުރި މީހުންގެ އަދަދު 13 ޕަސެންޓް މަދެވެ.
އިންތިހާބާއި ގުޅޭ ޝަކުވާތަކާއި ގުޅޭގޮތުން ސުވާލުކުރުމުން އާސިމް ވިދާޅުވީ "ވަރަށް ޝަކުވާ އެބަހުށައަޅާ" ކަމަށާއި "އަދަދެއް ބުނާކަށް ނޭންގޭ" ކަމަށެވެ.
ރީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ބައެއް މީހުންގެ ފޯމްތައް ޕްރޮސެސްކޮށް ނިމުނު އިރު އެ މީހުން ރަޖިސްޓްރީ ކޮށްފައި ވަނީ ރަޖިސްޓްރީ ކުރުމަށް އެދުނު ރަށް ނޫން އެހެންތަނެއްގައި ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އިލެކްޝަން ކޮމިޝަނަށް ޝަކުވާ ހުށައަޅާފަ އެވެ.
ގިނަ އަދަދެއްގެ ފޯމްތަކެއް އަދިވެސް ޕުރޮސެސްކޮށް ނުނިމޭއިރު އެފޯމްތަކަށް ހުށައަޅަންޖެހޭ ޝަކުވާތައް ހުށައެޅުމުގެ މުއްދަތު މިއަދު އިރުއޮއްސި 6:00 އަކަށް ހަމަވާނެ އެވެ.