ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ މައްޗަށް ކުރީގެ ރައީސް ނަޝީދު ކުރައްވާ 800 މިލިއަން ޑޮލަރުގެ ތުހުމަތުގެ ވާހަކަ ގިނަ އިން ދެއްކެވުމަށް ޔާމީން ގޮވާލައްވައިފި އެވެ.

ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ވާހަކަ ގިނައިން ދައްކަވައި އެކަމުގެ ހަގީގަތް އަމިއްލަ އަށް ހޯދުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ހޯއްދެވި ބޭފުޅަކަށް އެ އަދަދުގެ 90 ޕަސެންޓު ދެއްވައި އަނެއްބައި ސަދަގާތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުނގަޑު އެދެނީ އެ ވާހަކަ [800 މިލިއަން ޑޮލަރުގެ ވާހަކަ] ގިނައިން ދެއްކެވުން. ގިނައިން ދައްކަވާފައި އެކަމުގެ ހަގީގަތް ހޯއްދެވުން އެންމެ ރަނގަޅުވާނީ. އަދި އެ ހަގީގަތް ހޯއްދެވީމާ، އެ ހޯއްދަވައި ދެއްވި ބޭފުޅަކަށް އޭގެ 90 ޕަސެންޓް ވެސް އެހެރީ އެބޭފުޅެއްގެ ފައިސާ އަށް ގެންދަވާށޭ. އަނެއް 10 ޕަސެންޓަކީ ސޮދަގާތް ކުރަން ހުރި ލާރި،" ޔާމީން ވިދާޅުވި އެވެ.

އެ މައްސަލައިގެ ސަބަބުން އެއްވެސް ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ކެންޑިޑެންސީ ބާތިލު ކުރެއްވުމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ސަބަބުން ރައީސް ނަޝީދަށް ދަތިފުޅުވާ ކަމަށެވެ. އަދި އެކަމަކީ އެ ދެބޭފުޅުންގެ ދެމެދުގައި ހުރި ތަފާތު ފެންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ލޯޔަރު ވައްޑެ ސުޕްރީމް ކޯޓަށް ވަޑައިގަންނަވައިގެން ރައީސް ނަޝީދުގެ ޝަރުތު ފުރިހަމަވޭތޯ ކުރައްވާ މަސައްކަތް ވެސް ކުރައްވާތީ ރައީސް ނަޝީދަށް ވަރަށް ދަތިވޭ. އަދި ރައީސް ނަޝީދުގެ ޖިނާއީ ތަހުގީގެއް ޖިނާއި ޝަރީއަތެއް ކޯޓުތަކުގައި ނުހިނގާ ވާހަކަ ދެއްކީމާ ދަތިފުޅުވޭ. އެކަމަކު އަޅުނގަޑަކަށް ދައްޗެއް ނުވޭ 800 މިލިއަން ޑޮލަރުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް. އެއީ އަޅުނގަޑުމެން ދެ ރިޔާސީ ކެންޑިޑޭޓުންގެ ހުރި ތަފާތަކީ، އަދި ގާނޫނަށް ތަބާވުމާއި ގާނޫނީ ބާރު ދެމެހެއްޓުމުގަ އަޅުނގަޑުމެންގެ ދެ ކެނޑިޑޭޓުންގެ ތަފާތަކީ އެއީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ "ވަގު ވިޔަފާރީގެ" ތުހުމަތުގައި ރައީސް ނަޝީދުގެ ސަރުކާރުގައި އެއްވެސް ކަމެއް ހާސިލުވެފައި ނުވާ ކަމަށް ވިދާޅުވަމުން ޔާމީން ވިދާޅުވީ އެ މައްސަލައަކީ ހަގީގަތާއި އެއްގޮތަށް އޮތް ވާހަކައެއް ނަމަ ނަޝީދުގެ ވެރިކަމުގައި އެ މައްސަލަ ތަހުގީގުކޮށް އޭނާ އަށް އަދަބު ދެއްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް ލިބުނު ހުރިހާ ފުރުސަތެއްގައި އެ މަސައްކަތް ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމަނިކުފާނު ބޭނުންވާ ބަޔަކު ލައްވައިގެން ރިޔާސީ ކޮމިޝަނެއް އުފެއްދެވީ ވެސް ރައީސް މައުމޫންގެ މައްޗަށް ތިޔަ ކަހަލަ ތުހުމަތުތަކެއް ކުރައްވަން. ޔާމީންގެ މައްޗަށް ތުހުމަތުތަކެއް ކުރައްވަން، ނަމަވެސް އޭގެން ނުކުތް އެއްވެސް ނަތީޖާއެއް ނެތް. އަނިޔާވެރި ގޮތެއްގައި އަޅުނގަޑު ހައްޔަރުކޮށް ބަންދުކުރުން. ރައީސް މައުމޫން ފުލުސް އޮފީހަށް ދެމުން. މިކަންތައްތައް ފިޔަވައި އެމަނިކުފާނަށް ހާސިލުވި ކަމެއް ނޯންނާނެ،" މުލަކު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ މި ރިޔާސީ އިންތިހާބުގައި ވެސް ރައީސް ނަޝީދާ އެންމެ ކައިރިން ވާދަކުރައްވާނެ ބޭފުޅަކީ ވެސް އެ މަނިކުފާން ކަމަށާއި އެގޮތުން މި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މި ރިޔާސީ އިންތިހާބުގައި ވެސް ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ރައީސް ނަޝީދާ އެންމެ ކައިރިން ވާދަކުރައްވާނެ ފަރާތަކީ އަދި އެމަނިކުފާނު ބީޓު ކުރަންޔާ ބީޓު ކުރައްވާނެ ބޭފުޅަކީ ވެސް ޔާމީންކަން އެނގިވަޑައިގަންނަވާނެ. އެހެންވީމާ އެބޭފުޅާ ބޭނުމެއް ނުވާނެ އަޅުނގަޑަކަށް މި ފުރުސަތު އޮންނާ ކަށެއް،" ޔާމީން ވިދާޅުވި އެވެ.

ރައީސް މައުމޫން ވެސް ފުލުހުންނަށް ގެންދިޔައީ ގާނޫނު އަސާސީގެ ކުރިމަތީގައި ކޮންމެ މީހަކަށް ވެސް ހަމަހަމަކަން ލިބެންޖެހޭނެ ކަމަށް ވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ އެތައް މައްސަލައެއް ކޯޓަށް ވައްދާފައިވާ އިރު ވެސް އެ މައްސަލަތަކުގައި ގާނޫނު ކުރިމަތީގައި ހަމަހަމަވާން ޖެހޭނެ ކަމަށެވެ.

"ރައީސް ނަޝީދު ވިސްނުންފުޅަކީ ގާނޫނު ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަވާން ޖެހޭ އުސޫލުން. ރައީސް މައުމޫން ފޮލިސް އަށް ގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވާ ކަމަށް ވަންޔާ، ރައީސް ނަޝީދު ކުރައްވާފައިވާ ގާނޫނާ ހިލާފު ހުރިހާ ކަމެއްގެ މައްޗަށް އެމަނިކުފާނަށް މި އުފުލާ ތުހުމަތުތަކުގައި ކީއްވެބާއޭ ގާނޫނު ކުރިމަތީގައި ހަމަހަމަވާން ނޭދެނީ،" ޔާމީން ވިދާޅުވި އެވެ.