29 Nov 2010, 08:55
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މާދަމާ ސުޕްރީމް ކޯޓުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ޕީއޭގެ ޑެޕިއުޓީ ލީޑަރު މޫސާ ރަމީޒް ހުށަހަޅާފައިވާ މައްސަލައާއި ގައުމީން ޕާޓީން ހުށަހަޅާފައިވާ މައްސަލަ ވެސް ޝެޑިއުލްކޮށްފައި އޮތީ މާދަމާ ހެނދުނު 10.30 އަށެވެ.
އެ ދެ މައްސަލައިގެ ވެސް ދައުވާ ރައްދުވާ ފަރާތަކީ ބަންޑާރ ނައިބުގެ އޮފީހެވެ.
ދައުވާ ލިބޭ ފަރާތަކަށް ބަންޑާރަ ނައިބުގެ އޮފީސް ކަނޑައެޅިފައިވާއިރު، ބަންޑާރަ ނައިބަކަށް، ރައްޔިތުންގެ މަޖިލީހުން ޑރ. އަހްމަދު އަލީ ސަވާދަށް ރުހުން ދީފައި ނުވެ އެވެ.
ކެބިނެޓަށް އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވި 12 ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދިނީ އެންމެ ފަސް ވަޒީރަކަށެވެ. ނަމަވެސް، މަޖިލީހުގެ ރުހުން ނުލިބުމަކީ މަގާމުން ވަކިވާން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ މަޖިލީހުގެ ރުހުން ނުލިބޭ ވަޒީރުން ވެސް މަގާމުގައި ބައިތިއްބައިގެން މިނިސްޓްރީންތައް ހިންގަވަމުންނެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، މަޖިލީހުގެ ރުހުން ނުލިބޭ ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށެވެ.