16 Oct 2013, 10:33
ސުޕްރީމް ކޯޓަކީ ގައިޑްލައިން ހެދުމަށް އޮންނަ ތަނެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް އެ ކޯޓަށް ފާޑުވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެބޭފުޅުންގެ މަސައްކަތް ހުއްޓާލުމަށް ފަހު ގާނޫނު ހަދަން ފަށާފައިވާ ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
"ވަރަށް ދެރަ ސުޕްރީމް ކޯޓުން އެބޭފުޅުންގެ މަސައްކަތް ހުއްޓާލައްވާފަ ގާނޫނު ހައްދަވަން ފެއްޓެވިކަން. އެ ބޭފުޅުންނަކީ ގައިޑުލައިން ހައްދަވާފައި ގައިޑުލައިން ދެއްވަން ތިއްބެވި ބޭފުޅުންނެއް ނޫން." ނަޝީދު ވިދާޅުވި އެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ މީގެ ކުރިން ވެސް ނަޝީދު ވަނީ އެ ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އިންތިޚާބު ބާތިލު ކުރަން ޖެހޭ ފަދަ ގާނޫނީ ހުއްޖަތެއް އަދި ހެއްކެއް ސުޕްރީމް ކޯޓުގެ ހުކުމުން އެނގެން ނެތް ކަމަށެވެ.
ރީ-ރަޖިސްޓްރޭޝަންގެ ކަންތައް އަލުން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ނަޝީދު ވިދާޅުވެފައި ވަނީ އެ އަމުރަކީ އިންތިޚާބު އަލުން ބޭއްވުމަށް ކުރި ހުކުމާ އެއްވެސް ގުޅުމެއް ނެތް އަމުރެއް ކަމަށެވެ.
ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ފެށުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ އެކު ދީފައިވާ ގައިޑުލައިންތަކާ ޚިލާފަށް ރީ- ރަޖިސްޓްރޭޝަންގެ ކަންތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާން ފެށުމުންނެވެ.
ރީ- ރަޖިސްޓްރޭޝަންގެ ކަންތައް އަލުން ކުރިއަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާބޭސްއާ އެއްގޮތަށް މުޅިންއާ އިންތިޒާމެއްގެ ދަށުން ރަޖިސްޓްރޭޝަންގެ ކަންތައް ކުރިއަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން ފުރަތަމަ ދުވަހު ވެސް އެންގި އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ރީ ރަޖިސްޓްރޭޝަންގެ މަސައްކަތް ފުރަތަމަ ފެއްޓީ 7 ސެޕްޓެމްބަރުގައި އޮތް ލިސްޓްގެ މައްޗަށެވެ.