ދައުލަތުގެ ހަރަދުތައް ބޮޑުވެ ދަރަނި އިންތިހާއަށް މައްޗަށް ދިއުމަކީ ނުރައްކާތެރިކަމެކެވެ. ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް މިހާރު ވެސް ހޭދަ ކުރަން ޖެހިފައި ވަނީ ދަރަނިތައް އަދާ ކުރުމަށެވެ. ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދަރަނި ދެއްކުމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފަ އެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވަމުންދާ މައްސަލަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ދަނީ ފާހަގަކުރަމުންނެވެ.

އޭޝިއާ ސަރަހައްދުގެ އިގްތިސާދުތަކާ ބެހޭ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން ދާދި ފަހުން އާންމުކުރި "އައުޓްލުކް 2013" ރިޕޯޓްގައި ރާއްޖެއާ ބެހޭ ގޮތުން ބުނެފައި ވަނީ ލިބޭ އާމްދަނީއަށް ވުރެ ސަރުކާރުގެ ހަރަދު މާ ބޮޑުވުމުގެ ސަބަބުން ދަރަނި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޑީޖީޕީގެ 14 ޕަސެންޓަށް އުފުލިފައިވާ ކަމަށެވެ. މިއީ ނުރައްކާތެރި މެސެޖެކެވެ. އޭގެ އިތުރުން އެ ރިޕޯޓްގައި ބުނެފައި ވަނީ ބަޖެޓް ދަރަނި މިދިޔަ އަހަރުގެ ތެރޭގައި ގައުމުގެ އުފެއްދުންތެރިކަން (ޖީޑީޕީ)ގެ 12 ޕަސެންޓަށް އުފުލިފައިވާ ކަމަށެވެ. އަދި މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މުޅި ދައުލަތުގެ ދަރަނި ދެ ގުނައަށް އިތުރުވެ ޖީޑީޕީގެ 78 ޕަސެންޓަށް އަރާ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެ އެވެ.

ދައުލަތުގެ ދަރަނީގެ ހާލަތު އިތުރަށް ނާޒުކު ވެގެން ދަނީ ރާއްޖޭން އެކްސްޕޯޓްކުރާ ކުރާ މުދަލުގެ އަދަދު މަދުވުމުން އިމްޕޯޓްކުރާ މުދާ އިތުރުވުމުން ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ވެސް ބޮޑުވަމުން އަންނާތީ ކަމަށް ވެސް އޭޑީބީން ބުނެފައިވެ އެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވަމުންދާކަން އެންމެ ރަނގަޅަށް އެނގެނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަހަކު އެއްފަހަރު ނެރޭ އިގްތިސޯދީ ރިވިއު އިންނެވެ. މިދިޔަ މަހުގެ އިގްތިސާދީ ހާލަތާ ބެހޭ ގޮތުން މަރުކަޒީ ބޭންކުން ބުނެފައި ވަނީ ސަރުކާރުގެ ދަރަނި ފޫބައްދަން މިދިޔަ އޮގަސްޓް މަހު ޓީބިލް ވިއްކި އަދަދު 23 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.
އޮގަސްޓް މަހު ޓީބިލް ވިއްކި އަދަދު މަދުވި ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު އެއަދަދު މައްޗަށް ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޓީ ބިލަކީ އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ބޭންކުތަކަށާއި އަމިއްލަ ފަރާތްތަކަށް ވިއްކާ ދަރަންޏެވެ. އެ ދަރަނި ވިއްކުމަށްފަހު ލިބޭ ފައިސާއިން މައިގަނޑު ގޮތެއްގައި ހަރަދުކުރަނީ، ދައުލަތަށް މަހުން ލިބޭ އާމްދަނީން ހަރަދުތައް ފޫނުބެއްދޭ ކަންތައްތަކަށެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 2.7 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކާފައިވެ އެވެ. އަދި މިދިޔަ އޮގަސްޓް މަހު ވިއްކާފައި ވަނީ 4.2 ބިލިއަން ރުފިޔާގެ ޓީ ބިލެވެ. ނަމަވެސް މިދިޔަ ޖުލައި މަހު ވިއްކާފައި ވަނީ 5.5 ބިލިއަން ރުފިޔާގެ ޓީ ބިލް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓް މަހު ވިއްކި ޓީ ބިލްގެ އަދަދު ވަނީ 23 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެއީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ވިއްކި ޓީ ބިލްގެ އަދަދު ވަނީ 55 ޕަސެންޓް އިތުރުވެފަ އެވެ. އެއީ 1.5 ބިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ޓީ ބިލްގެ ފައިސާގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އަނބުރާ ދައްކާފައިވެ އެވެ. ނަމަވެސް އެ މަސް ނިމުނުއިރު އަދި ނުދެއްކި 8.2 ބިލިއަން ރުފިޔާ އެބައޮތް ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ދާދިފަހުން ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަނީ ކުރީގެ ދަރަނިތައް އަދާކުރުމަށް ކަމަށެވެ.

"މީގެ ކުރިން ނުދައްކާ ހުރި ދަރަނިތައް އަދިވެސް އެކި ގޮތްގޮތުން ދައްކަމުން މިގެންދަނީ. އެ ފައިސާއަކީ ރައްޔިތުންގެ ފައިސާ. އެހެން ކަމުން އެފައިސާ ދައްކަން ސަރުކާރަށް މަޖުބޫރުވޭ. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހޭދަ ކުރަން މިޖެހެނީ ދަރަނި އަދާކުރަން،" ޖިހާދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މި އަހަރުގެ ބަޖެޓްގައި ހިމެނި ކަންތައްތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްނުދިމަކީ ދަރަނި އިތުރަށް ބޮޑުވާން ދިމާވި މައިގަނޑު ސަބަބު ކަމަށެވެ.

"ދައުލަތުގެ ހަރަދުތައް މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައި. ނަމަވެސް ދައުލަތުގެ ހަރަދު ބޮޑު ކަމަށް ދައްކަނީ ދަރަނި އަދާކުރާ މިންވަރު ބޮޑުވުމުން. އަޅުގަނޑުމެން މި ދަނީ ލިބޭ އާމްދަނީ ވަރަށް ބޮޑު ބައެއް އެ ކަމަށް ހޭދަކުރަމުން،" ޖިހާދު ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނީގެ ގޮތުގައި އެކި ބޭންކުތަކަށް ވިއްކާފައިވާ ޓީ ބިލާއި ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ދަރަނިތައް ހިމެނެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް 1.3 ބިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ އެވެ. އޭގެ މައިގަނޑު ސަބަބަކީ އާމްދަނީ އިތުރުކުރަން މަޖިލީހަށް ފޮނުވި ބިލްތައް ފާސްނުވުމާއި ދަރަނިތައް އަދާކުރަން ޖެހުމެވެ.

އެމްއެމްއޭއިން ނެރުނު މިދިޔަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ މިއަހަރު އަމާޒުކޮށްފައި ވަނީ ބަޖެޓް ދަރަނި މިދިޔަ އަހަރު ލަފާކުރި މިންވަރު ޑީޖީޕީގެ 12.6 ޕަސެންޓުން 3.6 ޕަސެންޓަށް ދަށް ކުރުމަށް ކަމަށެވެ. އެކަމަކު މިހާރު އެ މިންވަރަށް ވުރެ މައްޗަށް ހިނގައިދާނެ ކަމަށް ލަފާކުރެވޭނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނެފައި ވަނީ މުޅި ބަޖެޓްގެ 15 ޕަސެންޓް ނުވަތަ 1.8 ބިލިއަން ރުފިޔާ އާމްދަނީ އިތުރުކޮށްގެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިރު އެއިން އެއްވެސް ކަމެއް ހަގީތަކަށް ވެފައިނުވާ ކަމަށް އެ ބުލެޓިންގައި ބުނެފައިވެ އެވެ.

އެމްއެމްއޭއިން ބުނެފައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި އެއް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެކަން ކުޑަކުރެވެން އޮތީ ގައުމަށް ލިބޭ އާމްދަނީ އިންތިހާއަށް އިތުރުކޮށްގެންނެވެ. މިހާރުން މިހާރަށް ވެސް އެކަމަށް ފިޔަވަޅު އަޅަން ވަނީ ޖެހިފަ އެވެ.