ސިޔާސީ ޕާޓިތަކާއި މެދު އަމަލުކުރަމުންދާ ގޮތާއި މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) މައްސަލައެއް ބަލަމުންދާ ނަމަ އެމައްސަލައެއް ބަލަނީ އިލެކްޝަންސް ކޮމިޝަންގެ ބަހެއް ނުހޯދާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންސާނީ ހައްގު ގެއްލިގެން ހުށަހެޅޭ މައްސަލަތަށް އެޗްއާރްސީއެމް އަށް ބެލޭނެ ކަމަށާއި އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަންއަށް ރައްދުވާ ގޮތަށް މައްސަލައެއް ބަލާ ކަމަށް ވާނަމަ، އެމައްސަލާއާ މެދު ކޮމިޝަނުގެ ބަހެއް ހޯދުން އެޗްއާރްސީއެމްގެ މައްޗަށް ގާނޫނުން ލާޒިމް ކުރާ ކަމަށެވެ.

"ކޮމިޝަނަށް ރައްދުވާ ގޮތަށް އެއްވެސް ފަރާތަކުން މައްސަލައެއް ހުށަހަޅާފައިވާނަމަ ކޮމިޝަނުގެ ބަހެއް ހޯދުން އެޗްއާރްސީއެމްގެ މައްޗަށް ލާޒިމް،" އިލެކްޝަންސް ކޮމިޝަނުގެ ބަޔާންގައި ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ނެރެފައިވާ ބަޔާންގައި ބުނެފައިވަނީ އެޗްއާރްސީއެމްއިން އެފަދަ މައްސަލައެއް ބަލާފައިވާނަމަ އެކަން ކޮށްފައިވަނީ "ނެޗުރަލް ޖަސްޓީސް" އާއި ހިލާފަށް ކަމަށާއި އެކަން ކުއްވެރި ކުރާ ކަމަށެވެ.

ހަމައެއާއެކު އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއި މެދު ފިޔަވަޅު އެޅުމުގައި ތަފާތު ކުރާ ކަމަށް ބުނެ އެޗްއާރްސީއެމުން ތުހުމަތުކޮށްފައިވާތީ އެކަމާއި މެދު ކަންބޮޑުވާ ކަމަށް ވަނީ ބުނެފަ އެވެ.

ސިޔާސީ ޕާޓީތަކާއި މެދު ކަންކުރަނީ ގާނޫނުން ކަނޑައަޅާފައިވާ ގާނޫނީ ތަރަހައިގެ ތެރެއިން ކަމަށާއި އެއްވެސް ޕާޓީއެއްގެ މެދުގައި ތަފާތު ކުރުމެއް ނެތި ހަމަހަމަކޮށް އަމަލުކުރަމުންދާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަންގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.