15 Oct 2013, 20:20
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި މަދުވެގެން 85 މީހުން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.
އެ ބިންހެލުން އައިސްފައި ވަނީ ފިލިޕީންސްގެ މެދުތެރޭގައިވާ ރަށެއް ކަމަށްވާ ބޮހޯލްގެ އަޑިންނެވެ. ބިންހެލުމުގެ ބާރުމިން ރިކްޓާ މިންގަނޑުން 7.2 އަށް އަރާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެ އެވެ.
ފިލިޕީންސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ މީހުން ގިނައިން މަރުވެފައި ވަނީ ބޮހޮލްގައި ކަމަށާއި އެ ސަރަހައްދުގައިވާ ޗޭބޫ ޕްރޮވިންސުންވެސް ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށެވެ.
މި ބިންހެލުން އަރާފައި ވަނީ ޖީއެމްޓީ ގަޑިން ދަންވަރު 12:12 ގަ އެވެ. ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތަކާ އާސާރީ ފައްޅިތައް ހަލާކުވެފައިވާ ކަމަށް ބީބީސީއިން ބުނެ އެވެ.
ފިލިޕީންސްގެ ޑިޒާސްޓާ މެނޭޖްމަންޓުގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީއިން ބުނީ މަރުވި މީހުންގެ ތެރެއިން 69 މީހުން މަރުވެފައި ވަނީ ބިންހެލުން އެރި ރަށް ކަމަށްވާ ބޮހޮލްއިން ކަމަށެވެ. އަދި ޗޭބޫ އިން 15 މީހުން މަރުވި އިރު، ކައިރީގައިވާ އެހެން ރަށަކުން އެކަކު މަރުވެފައިވާ ކަމަށްވެ އެވެ.
ފިލިޕީންސްގެ ސަރުކާރުން ވަނީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ޗޭބޫ އަދި ބޮހޮލްގައި ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.