15 Oct 2013, 20:07
ކ. ހުރާ އިން އަޙްމަދު މުޖްތަބާ
ހެނދުނުގެ "އިރާއެކު" ހެން ކަންފަތުގައި ޖެހުނީ، ތަކުބީރުގެ އަޑެވެ. އެއީ ޢީދު ނަމާދަށް ތައްޔާރުވުމުގެ ގޮތުން މިސްކިތުގައި ކިޔަމުން ދިޔަ ތަކުބީރުގެ އަޑެވެ. އީދު ނަމާދަށްފަހު އެންމެން އަވަސްވެގަތީ އުޟްހިޔާ ކަތިލުމުގެ މަސައްކަތަށެވެ. އެއަށްފަހު އެންމެން ގޭގެޔާ ދިމާއަށް މިސްރާބު ޖެހި އެވެ. މިއީ މިއަހަރުގެ ބަރަކާތްތެރި އަޟްހާ ޢީދުގެ ފެށުމެވެ.
ރަށުތެރޭގައި ދެން އިވެން ފެށިއަޑަކީ "ވެދުމާއިގެން ދިއުން" ފަށަން ތައްޔާރުވި ވާހަކަ އެވެ. އަހަރެންނަށް ކުރިން އަޑު އިވިފައި އޮންނަ ގޮތުން ވެދުމާއިގެން ދާނީ ނުވަތަ ވެދުމަށް އެއްޗެއް އަރުވަނީ ރަސްރަސްކަލުން ނުވަތަ ތަންތަނުގެ ވެރިން ފެންފަރުގެ ބޭފުޅުނަން ހަދިޔާއެއް ނުވަތަ މިފަދަ ކޮންމެވެސް ބޮޑު ކަމެއްގައި "މަތި ފަޑީގެ" ބޭފުޅުންގެ ފައިންޕުޅު ދެކިލުމަށް ކުރެވޭ ކަމެއްގެ ގޮތުގަ އެވެ. ކުޑަކޮށް ރަށުގެ މީސްމީހުން ކައިރިން އަހައި މިކަން ވެސް އޮޅުން ފިލުވާލީމެވެ.
"އެއީ ޢީދު ކުޅިވަރު ރަސްމީކޮށް ފެށުމަށްޓަކައި، ރަށުގެ ރައްޔިތުން ކައުންސިލްގެ ރައީސްގެ އަރިހަށް ވެދުމާއިގެން ދަނީ،" ހުރާގެ ޒުވާނަކު ކިޔައިދިނެވެ.
ހެނދުނު ގާތްގަނޑަކަށް 10 ޖަހާ ކަންހާއިރު ރަށުގެ ކުދިބޮޑު ރައްޔިތުން ހިމެނޭގޮތަށް ބޮޑުބެރާއި ޘަގާފީ ނެށުމުގައި ހުރާގެ "ރަށް މެދު" ކިޔާ ސަރަހައްދަށް މީސްތަކުން ޖަމާވި އެވެ. އެތަނުގައި މޭޒެއްގެ ކައިރީގައި އިށީންނަވައިގެން އިންނެވީ ރަށު ކައުންސިލްގެ ރައީސް ޢަބްދުއްރަޙްމާން ސޮލާހު ރަޝީދު (ސޮއްލު) އެވެ. ވެދުމާއިގެން އައި ގްރޫޕް ކައުންސިލްގެ ރައީސަށް ވެދުމަށް "މާ އަޅާފައި ހުރި ތަބަކެއްގައި ސަޖިކޯ ދަޅެއް" ދިއްކޮލި އެވެ. އަދި އެ ތަބަށް ދިއްކޮށްލި ޒުވާނާ ކައުންސިލްގެ ރައީސްގެ އަރިހުން ކޮންމެ ވެސް ކަމަކަށް އެދުނެވެ.
"ދެންފަހެ ހިޖްރީ ސަނަތުން 1434 ވަނަ އަހަރުގެ އަޟްހާ އީދުގައި އެހެނިހެން އަހަރުތަކެކޭ ވެސް އެއްފަދައިން ރައްޔިތުން އީދު ކުޅިވަރު ކުޅުމުގެ ހުއްދައަށް އެދުނު ހިނދު، އިސްލާމް ދީނާއި، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފު ނުވާގޮތަށް ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުމަށް ކައުންސިލްގެ މެންބަރުންގެ އިއްތިފާގުން ފާސް ކުރަށްވާފައި ވާތީ، 1434 ވަނަ އަހަރުގެ 10 ޛުލްހިއްޖާ ވަނަ ދުވަހު، އަޟްހާ އީދުގެ ކުޅިވަރުތައް ރާވައި، ހިންމުގުމުގެ ރަސްމީ ހުއްދަ ދީފީމެވެ." މަޝްހޫރު ހުރާ ދަރިކޮޅުގެ ރަސްކަން ނިސްބަތްވާ ހުރާގެ ކައުންސިލްގެ ބަޔާން ކައުންސިލްގެ ރައީސް ސޮއްލު އިއްވައިދިނެވެ.
http://www.sun.mv/albums/l_20655.jpg
ކައުންސިލްގެ އެ ހުއްދައާ އެކު، ރަށުތެރޭގައި ޢީދުގެ ފޯރި ނަގަންފެށި އެވެ. ހިންދީ ފިލްމާއި ޑްރާމާތަކުން ކުލަ އުކައި ކުލަޖަހައި ކުލައިގެ ފޯރި ނަގާ މަންޒަރު "ހޯލީ" މީގެ ކުރިން ފެނުނު ކަމުގައިވީ ނަމަވެސް މިފަހަރު އަހަރެންގެ ލޯ ކުރިމަތީގައި އެމަންޒަރު ފެނިގެން ދިޔައީ ހުރާގަ އެވެ. ކުޑަ ކުދިންނާއި ބޮޑެތިމީހުން ޒުވާނުންނާއި މުސްކުޅިން ވެސް ޝާމިލްވާގޮތަށް ރަށުގެ އެކި ހިސާބުތަކުގައި "ފެންކުޅި"އާއި ކުލަޖެހުމުގެ ފޯރި ގަދަވެގެން ދިޔައެވެ.
"އަހަރެންނަކީ މިރަށަށް ޢީދަށް އައިސްއުޅޭ މީހެއް.މިރަށް ވަރަށް މަޖާ،" ކުލަޖެހުމުގައި ޝާމިލްވެ އުޅުނު ޒުވާނަކު ބުންޏެވެ.
ރަށުތެރޭގައި ޢީދު ފޯރީގައި ބައިވެރިވެލުމަށާއި އަދި ހުރާގައި ޢީދު ކުރިއަށްދާ ގޮތް ބަލައިލަން ރަށުތެރޭގައި ކުޑަކޮށް ބުރެއް ޖަހާލީމެވެ.
"މިއަދު ދެން ހަވީރުވަންދެން މިކަން ކުރިއަށްދާނެ. ކުލަ ޖެހުމާއި ފެންޖެހުމުގައި ހަމަ ކުޑަބޮޑު އެންމެން ވެސް ބައިވެރިވާނެ،" މަގުމަތީގައި ފޯރި ނަގަމުންދިޔަ 10 ވަރަކަށް ޒުވާނުންގެ ގްރޫޕަކުން ކިޔައިދިނެވެ.
http://www.sun.mv/albums/l_20657.jpg
ރަށުގެ އާބާދީގައި 972 މީހުން ރަޖިސްޓްރީކުރެވިފައި ތިބި ނަމަވެސް ގާތްގަނޑަކަށް 2000 ވަރަކަށް މީހުން ދިރިއުޅެމުން ގެންދާ ހުރާ ޢީދު ދުވަސްތައް އަބަދު ވެސް ފަރަށް ބޮޑަށް ފާހަގަ ކުރެ އެވެ. އެގޮތުން ޢީދާ ގުޅުވައިގެން ތަފާތު ކުޅިވަރުތައް ރާވައި ހިންގަނީ ރަށުގެ އެކި ޢުމުރު ފުރައިގެ ރައްޔިތުންނާ ކައުންސިލްގެ އިދާރާ ގުޅިގެންނެވެ.
"އަޅުގަނޑުމެން ކޮންމެ އަހަރަކު ވެސް ވަރަށް ކުލަ ގަދަކޮށް ޢީދު ފާހަގަ ކުރަން. އެއީ ކުޑަ ޢީދާއި ބޮޑު ޢީދު ވެސް. ދެން ކޮންމެ އަހަރަކު ވެސް ޢީދު ދުވަހު ރައްޔިތުން ބޮޑު ކެއުމެއް ތައްޔާރު ކުރާނެ. ކުރިން މިއޮންނަނީ، ގޭގެޔަށް ޒިޔާރަތްކޮށް އެކިފަރާތްތަކުން ކެއުން ތަކުގައި ބައިވެރިވަނީ. އެކަމަކު މިދިޔަ އަހަރުން ފެށިގެން އަޅުގަނޑުމެން ރައްޔިތުންނާއި މަޝްވަރާކޮށް ކައުންސިލުން ނިންމާފައި މިއޮތީ، ހުރިހާ ގެއަކުން ވެސް ޢީދު ދުވަހުގެ މެންދުރު ނަމާދަށްފަހު ކެއުން ތައްޔާރުކޮށް، ކަނޑައެޅިފައިވާ ވަކި ސަރަހައްދު ތަކެއްގައި ކެއުންތައް ތައްޔާރުކުރަން،" ސޮއްލު ވިދާޅުވި އެވެ. "ވީހާވެސް ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ޢީދު ކެއުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިފަހަރު އަޅުގަނޑުމެން ނިންމީ ރަށުގެ ނުވަ ސަރަހައްދެއްގައި ކެއިން ތައްޔާރުކުރަން."
މެންދުރު ނަމާދަށްފަހު ރަށުގެ ނުވަ ހިސާބެއްގެ މަގުމަތީގައި ރައްޔިތުން ތައްޔާރުކުރި ކެއުންތައް އަތުރާލި އެވެ. އަދި ރަށުގެ ރައްޔިތުންނާއި ޢީދު ބަންދަށް ރަށަށް ޒިޔާރަތްކުރި މެހެމާނުންގެ އިތުރުން ފަތުރުވެރިކަމުގެ ހަރަކާތްތައް ވެސް ފުޅާ ދާއިރާއެއްގައި ހިންގާ ހުރާއަށް ޒިޔާރަތްކުރި ބޭރުގެ ފަތުރުވެރިންނާއި ރަށުގައި މަސައްކަތްކުރާ ބިދޭސީން ވެސް ޢީދު ކެއުމުގައި ބައިވެރިވި އެވެ.
http://www.sun.mv/albums/l_20660.jpg
ހުރާ ކައުންސިލްގެ ރައީސް ސޮއްލު ވިދާޅުވީ ރަށުގެ އެކިއެކި ކަންކަމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެ އެއްބާރުލުމާއެކު ރައްޔިތުންނާއި ކައުންސިލް ގުޅިގެން ބޮޑު ޢީދުގައި ފާހަގަކުރާ ހަތަރު ދުވަހު ވަރަށް ގިނަ ކުޅިވަރު ހަރަކާތްތަކެއް ރާވައި ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.
"ޢީދުގެ ހަތަރު ދުވަހު ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ. ފެންކުޅިއާއި ކުލަ ޖެހުމުގެ ހަރަކާތްތައް ކޮންމެ ދުވަހަކު ވެސް ހެނދުނުން ފެށިގެން ހަވީރު 4:00އާއި ހަމައަށް ކުރިއަށް ގެންދާނެ. ދެން އޭގެ ފަހުން އޮންނާނީ އެހެނިހެން ކުޅިވަރުތައް،" ސޮއްލު ވިދާޅުވި އެވެ. "މިއަދު ހަވީރު މިނީ ސްޓޭޑިއަމް ސަރަހައްދުގައި ހުއްރިއްޔާގެ ގޮތްޕެއް ކަމަށްވާ ލަޒާނިޔާ އާއި ހުރާ ސްކޫލް ގުޅިގެން ބާއްވާ ކުޑަ ކުދިންގެ ހަވީރެއް އޮންނާނެ. ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މި އިވެންޓުގައި ކުޑަކުދިންގެ ނެށުމާއި، ޘަގާފީ ކުޅިވަރު ތަކާއި އަދި ޑްރާމާތައް ވެސް ހުށަހަޅައިދޭނެ."
ހުރާގައި ޢީދުގެ ފޯރި އިންތިހާއަށް ނަގަމުން ގެންދާއިރު އަޅުގަނޑަށް ވަރަށް ބޮޑަށް އަޅަގައިތް ކަމެއް އެބަ އޮތެވެ. އިއްޔެ މިރަށަށް އައިއިރު ބަނދަރުމަތިން ފެނުނު މަންޒަރުން ޢީދަށް ވުރެ ބޮޑަށް ފެނިގެން ދިޔައީ މިރަށް ވެސް މިއޮތީ ދިވެހިންނަށް މިދުވަސްވަރު ލައިގަނެގެން މިއުޅޭ "އިންތިހާބުގެ އޮއިވަރު"ގައި ޖެހިފައިވާ މަންޒަރެވެ. މުޅި ބަނދަރު ސަރަހައްދުގައި އެކިއެކި ސިޔާސީ ޕާޓީގެ ދިދަފަތިތައް ދަމައި ކުލަވަރު އިންތިހާ ކޮށްލާފައި އޮތެވެ. އެހެން ނަމަވެސް ސިޔާސީ އަދި އިންތިހާބީ ފޯރި ރަށުގައި ކިތަންމެ ބޮޑު ނަމަވެސް ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ފެނިފައި "ސިޔާސީ ރޯގާ"ގެ ބިރުވެރިކަމުގެ ހިލަމެއް ވެސް މިރަށަކުން ނުފެނުނެވެ.
ރަށުގައި ހުރި ސިޔާސީ ޕާޓީގެ ޖަގަހަ ތަކުގައި ކެމްޕޭނު ފޯރިވެސް އަޑުގަދަކުރާ ބަހައްޓައިގެން ނަގަމުން ގެންދެ އެވެ. އެކަމަކު ޢީދު ކުޅިވަރު ތަކާބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުވައި ދިނުމާއި އަދި އިންތިހާބާ ގުޅޭ ބައެއް މައުލޫމާތުތައް ވެސް ކައުންސިލްގެ އަޑުގަދަކުރާއިން ރައްޔިތުންނަށް ފޯރުވައިދޭން ބޭނުންވާ ކަމަށް ކައުންސިލުން އިއުލާނު ކޮށްލުމާއެކު ސިޔާސީ ޖަގަހަ ތަކުން އަޑުގަދަކުރުން ވަގުތުން މެދުކަނޑާލި އެވެ.
"މިރަށުގައި ސިޔާސީ ފޯރިވެސް ވަރަށް ގަދަ. އެކަމަކު ރައްޔިތުންގެ އެންމެންގެ ބައިވެރިވުން ފެންނަން ޖެހޭ މިކަހަލަ ހާލަތްތަކުގައި އެންމެން ވެސް ވަރަށް ބޮޑަށް އެކަތިގަނޑަކަށް ވެގެން މިރަށުގައި މަސައްކަތްކުރާނެ. އަޅުގަނޑުމެން ޢީދު ކުޅިވަރުތަކުގައި ވެސް ސިޔާސީ އެކި ފިކުރުގެ ބޭފުޅުން މަސައްކަތް ކުރާނެ. އެކަމަކު ޢީދު ފާހަގަކުރުމާއި އަދި ވެސް ރަށުގައި ބޭއްވޭ މިފަދަ އިޖްތިމާއީ ކަންކަމުގައި އެބޭފުޅުންގެ ސިޔާސީ ފިކުރު ފެނިގެނެއް ނުދާނެ. އެއަށްވުރެ އެކުވެރި ރައްޔިތެއް މިރަށުގައި ދިރިއުޅެނީ،" ސޮއްލު ވިދާޅުވި އެވެ.
ހުރާގައި މިފަހަރުގެ ބޮޑު ޢީދު ކުޅިވަރުތައް ހަތަރު ދުވަހަށް ބަހާލެވިފައިވާއިރު، ޢީދުގެ ފުރަތަމަ ދުވަހު ބޮޑު ކެއުމާއި އަދި ކުޑަކުދިންގެ ހަވީރު، ދެވަނަ ދުވަހު ކޯޑި ނެގުމާއި ކޯޑި ކެނޑުން، ތިންވަނަ ދުވަހު ބޮޑުމަސް ނެރުން އަދި ހަތަރުވަނަ ދުވަހު ރަށުގައި މިހާރު ކުރިއަށް ގެންދާ އެކިއެކި މުބާރާތްތަކުގެ ފައިނަލް މެޗުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިއިން ކޮންމެ ހަރަކާތަކީވެސް ޒުވާނުންގެ އިސްނެގުމާއެކު ރަށުގެ ކުދި ބޮޑު އެންމެހައި ފަރާތްތަކުގެ ޝާމިލުވުން އެކުލެވޭގޮތަށް ރާވައި ހިންގާ ހަރަކާތްތަކެވެ.
ސޮއްލޫ ވިދާޅުވީ ރަށުގެ ޒުވާނުންނާއި އެންމެހައި ރައްޔިތުން އަދި ކައުންސިލް ގުޅިގެން ހުރާއަށް ޒިޔާރަތްކުރާ މެހެމާނުން ވެސް ބައިވެރި ކޮށްގެން ޢީދުގެ ހަރަކާތްތައް ވީހާ ވެސް ފުރިހަމަކޮށް ގެންދިއުމަށް އަބަދު ވެސް މަސައްކަތް ކުރާކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލަރުންނަކީ ރައްޔިތުންގެ މަންދޫބުން. އަޅުގަނޑުމެންގެ މަސައްކަތަކީ ރަށުގެ ތަރައްގީއަށާއި ރައްޔިތުން ބޭނުންފުޅުވާ ކަންތައްތައް އެބޭފުޅުންނަށް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުން،" ސޮއްލު ވިދާޅުވި އެވެ.
މިފަހަރުގެ ބޮޑު ޢީދާ ދިމާކޮށް މޫސުން ވެސް މިވަނީ ގޯސްވެފަ އެވެ. އެހެން ނަމަވެސް ޢީދު ކުޅިވަރުތައް ބޭރުގައި ނުބޭއްވޭ ނަމަ، އިޖްތިމާއީ މަރުކަޒާއި މިފަދަ އެހެން ތަންތަނުގެ އެތެރޭގައި ނަމަވެސް ޢީދު ކުޅިވަރުތައް ބޭއްވުމަށް ހުރާގެ ރައްޔިތުން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ.
ބޮޑު ޢީދު ބަންދުގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް މީސްތަކުން ފުރަފުރައިގެން ދާއިރު މިފަހަރުގެ ބޮޑު ޢީދަށް ހުރާއަށްވެސް 500 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް ހުރާ ކައުންސިލުން ލަފާ ކުރެއެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑަށް ރައްޔިތުންގެ މެދުގައި އޮތް ނަމަވެސް ހުރާގައި ޢީދުކުޅިވަރު އެންމެހައި ރައްޔިތުން ބައިވެރިވެގެން ހަމަ "ހަބޭސް" ކިޔައިފަ ދަނީ ފާހަގަ ކުރަމުންނެވެ.
ސަންގެ ކިޔުންތެރިންނަށް ބަރަކާތްތެރި އަޟްހާ ޢިދުގެ ހެޔޮ އެދުމާއި ތަޙްނިޔާ އަރިސް ކުރަމެވެ. ޢީދު މުބާރިކު!