ވޯޓާސް ލިސްޓްގައި ރަޖިސްޓްރީ ވެފައި ހުރި 60،000 އަށް ވުރެއް ގިނަ މީހުންގެ ތެރެއިން ފަސް ޕަސެންޓް މީހުންގެ ފިންގާ ޕްރިންޓް ރެންޑަމްކޮށް ނަގައިގެން ޗެކްކުރަން ޖުމްހޫރީ ގުޅުމުން އިލެކްޝަންސް ކޮމިޝަނަށް ގޮވައިލައިފި އެވެ.

މ. ކުނޫޒްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ގުޅުމުގެ ސްޓިއަރިން ކޮމިޓީގެ މެމްބަރު އުމަރު ނާސިރު ވިދާޅުވީ ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ފިންގަ ޕްރިންޓް ސައްހަތޯ ބަލުން އެއީ ކުރަން ފަސޭހަ ކަމައެއް ކަމަށާއި އެކަން ކުރަން ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމަށެވެ.

"ޖުމްހޫރީ ގުޅުމުން އަޅުގަނޑުމެން އެދެން 60،000 މީހުންގެ ތެރެއިން ފަސް ޕަސެންޓް މީހުން ރެންޑަމްކޮށް ނަގައިފައި ފިންގާ ޕްރިންޓް ޗެކްކުރަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރެންޑަމްކޮށް ނަގާ އެ ފަސް ޕަސެންޓްގެ ސާމްޕަލް ނަގާނީ ޖުމްހޫރީ ޕާޓީން ކަމަށާއި އެ ފަސް ޕަސެންޓްގައި މައްސަލައެއް ނުފެނިއްޖެ ކަމަށް ވަންޏާ ލިސްޓްގައި މައްސަލައެއް ނެތް ކަމަށް ނިންމާނެ ކަމަށެވެ.

"އެއިން މައްސަލައެއް ނުފެނިއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެން ބަލާނީ ވަރަށް ޖެނަރަލްކޮށް ފިންގަޕްރިންޓްގައި މައްސަލައެއް ނެތީ ކަމަށް. އެކަމަކު އެރެންޑަމް ސާމްޕަލް ނަގަންވާނީ އަޅުގަނޑުމެން. އަޅުގަނޑުމެން ބުނާ ރެންޑަމް ސާމްޕަލްތަށް އަޅުގަނޑުމެން ބުނާނީ ޗެކްކޮށްދޭން،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ރަޖިސްޓްރީ ލިސްޓް ސައްހަތޯ ބަލަން ދީފައި އޮތީ "ޕީޑީއެފް" ކޮޕީ އެއް ކަމަށެވެ. އަދި ޕީޑީއެޕް ކޮޕީއެއް ބޭނުން ކޮށްގެން ލިސްޓްގެ ސައްހަތޯ ބެލެން އެއީ ނުކުރެވޭނެ ކަމެއް ކަމަށާއި ލިސްޓްގެ "މައިކްރޮސޮފްޓް އެކްސެލް" ކޮޕީ އެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަންއަށް އެދިފައިވާނެ ކަމަށެވެ.

އެކްސެލް ކޮޕީއެއް ލިބުނީ އިއްޔެގެ ހަވީރު 15:30 ގައި ކަމަށާއި ލިސްޓް ސައްހަތޯ ބަލަން ލިބުނު މުއްދަތު ކުޑަ ކަމުން މުއްދަތުގެ ޝަކުވާ އިލްކެޝަންސް ކޮމިޝަނަށް ސިޓީ އަކުން ފޮނުވައިފައިވާނެ ކަމަށާއި 36 ގަޑިއިރަށް މުއްދަތު އިތުރު ކުރުމަށް އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި ވެސް އެންމެ ބޮޑު މައްސަލަ ހުރީ ވޯޓާސް ލިސްޓްގައި ކަމަށާއި އެހެން ކަމުން މިފަހަރު ވެސް ލިސްޓްގެ ސައްހަކަން ބަލަން 24 ގަޑިއިރަށް ވުރެއް ކުޑަ މުއްދަތެއް ލިބުންކަން އެއީ ވަރަށް ހިތާމަ ކުރާކަމެއް ކަމަށެވެ.

މިފަހަރުގެ ލިސްޓްގައިވެސް ނަން ތަކުރާރުވެފައި 69 ނުވަމީހަކު އެބަތިބި ކަމަށާއި މަރުވެފައި ތިބި ބައެއް މީހުންގެ އިތުރުން ބެލޮޓް ބޮކްސް ނެތް 3000 (ތިން ހާހަށް) ވުރެ ގިނަ މީހުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އަދި އެކަންކަން މިހާރު އިލެކްޝަންސް ކޮމިޝަނަށް އަންގައިފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"މިފަހަރު ވެސް ލިސްޓްގައި ރިޕީޓް ތަކުރާރުވެފައި ތިބި 69 ނަމެއް އަޅުގަނޑުމެން ފާހަގަ ކޮށްފައި ފޮނުވައިފައި އޮންނާނީ. އަދި މަރުވެފައި ތިބި ބައެއް މީހުންވެސް އެބަތިބި ލިސްޓްގައި. މީއެކަމަކު މާބޮޑު އަދަދެއް ނޫން. ބެލޮޓް ބޮކްސް ނެތް އެބަ ތިބި 3000 (ތިން ހާހަށް) ވުރެ ގިނަ މީހުން އަޅުގަނޑުމެން މަތިމަތިން ބަލައިލިއިރު،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކަންތައް ކުރައްވަނީ ވަރަށް ކުރު ގަޅުވައިލައިގެން ކަމަށެވެ. އަދި އެކޮމިޝަނަށް ލިބިފައިވާ ވަގުތު ވެސް ކުޑަ ކަމަށާއި އެހެން ނަމަވެސް އެކަމުގެ ސަބަބުން މުޅި އިންތިހާބުގެ އިންޓަގްރިޓީ ގެއްލުވާލައިގެން ނުވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.