މީގެ ތިރީސް އަހަރުކުރިން ގެއްލިގެން، މަރުވެފައިވާ ކަމަށް ނިންމާފައިވާ އެމެރިކާގެ މީހެއް ހެޔޮ ހާލުގައި ދިރިހުއްޓާ ފަހުން ފެނުނު ނަމަވެސް "ގާނޫނީ ގޮތުން އޭނާއަކީ ދިރިހުރި މީހެއް" ކަމަށް ކަނޑައެޅެން ނެތް ކަމަށް އެމެރިކާގެ އޮހައޯގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އޮހައޯއަށް ނިސްބަތްވާ ޑޮނާލްޑް މިލާ އަކީ 1986 ގައި އޭނާގެ އަންހެނުންނާއި ދެކުދިން ދޫކޮށް ފިލި މީހެއް ކަމަށް ބީބީސީން ބުނެ އެވެ. ބީބީސީއިން ބުނެފައި ވަނީ ޑޮނާލްޑް މިލާ ފިލާފައި ވަނީ ދަރަނިތަކަކުން ސަލާމަތްވުމަށް ކަމަށެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ހައެއްގައި ފިލުމަށްފަހު ޑޮނާލްޑް މިލާ ނުފެނުމުން، އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް ކަނޑައަޅާފައި ވަނީ 1994 ވަނަ އަހަރުގަ އެވެ.

ނަމަވެސް 2005 ގައި މިލާ އަނެއްކާ ފެނިފައި ވަނީ އޮހައޯގައި ޑްރައިވާސް ލައިސަންސެއް ހައްދަން އެދުމުން ނެވެ.

މިލާގެ މައްސަލާގައި ހުކުމްކުރަމުން އޮހައޯގެ ހެންކޮކް ކައުންޓީގެ ފަނޑިޔާރު އެލަން ޑޭވިސް ވިދާޅުވެފައި ވަނީ މިހާލަތަކީ ވަރަށް ބޮޑަށް އާދަޔާ ހިލާފު ހާލަތެއް ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ވިދާޅުވީ މީހަކު މަރުވެފައިވާ ކަމަށް ކަނޑައަޅާތާ ތިން އަހަރު ފަހުން "ޑެތު ރޫލިންގް" ނުވަތަ މަރުވެފައިވާ ކަމަށް ކަނޑައެޅޭ ކަނޑައެޅުން ބަދަލު ނުކުރެވޭނެ ކަމަށް ގާނޫނުގައި އޮތް ކަމަށެވެ. އަދި މިމައްސަލާގައި ފަނޑިޔާރު ޑޭވިސް ހުކުމްކޮށްފައި ވަނީ ގާނޫނުގެ ނަޒަރުގައި ޑޮނާލްޑް މިލާއަކީ އަދިވެސް މަރުވެފައިވާ މީހެއް ކަމަށެވެ.

މިމައްސަލައިގެ ޝަރީއަތުގައި އުމުރުން 61 އަހަރުގެ މިލާ ހެކިބަސް ދެމުން ބުނެފައި ވަނީ ވަޒީފާ ގެއްލުމުން 1986 ގައި ފިލީ ކަމަށެވެ. އަދި 2005 ގައި ލައިސަންސް ހައްދަން އުޅުމުން އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް ބުނުމުން ލިބުނީ ހައިރާން ކަމެއް ކަމަށް މިލާ ބުނެ އެވެ.

މިމައްސަލަ އިސްތިއުނާފްކުރުމަށް މިލާއަށް 30 ދުވަހުގެ ފުރުސަތެއް ލިބޭނެ ކަމަށް ބީބީސީއިން ބުނެ އެވެ.