15 Oct 2013, 14:06
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާ އިރުއޮއްސި 6:00އާ ހަމައަށް އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތައް ސިސްޓަމަށް އެންޓާ ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. ހުރިހާ ފޯމްތައް ޕްރޮސެސްކޮށް ނުނިމޭތީ ރަޖިސްޓްރީވެފައިވާކަން 1414 އަށް އެސްއެމްއެސް ކޮށްގެން ނުބެލޭނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ރަޖިސްޓްރީ ފޯމްތައް ބަލައިގަތުމުގެ މަސައްކަތް ހަތް ގަޑިއިރަށް މެދުކެނޑުމުން މިހާރުވެސް ރެޖިސްޓްރީކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދޭ. ބައެއް ރަށްރަށުންނާއި ރާއްޖެއިން ބޭރުން ލިބެންޖެހޭ ފޯމްތައް އަދި ވަނީ ކޮމިޝަނަށް ނުލިބި، ވީމާ އެފަދަ ރަށްރަސުގެ ފޯމްތައްވެސް ވަނީ ޕުރޮސެސްނުކުރެވި،" އިލެކްޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރަޖިސްޓްރީ ވިކަން އަންގައިދޭ ސްލިޕް ދޫކުރުން ލަސްވަނީ ވެސް ބައެއް ފޯމްތައް ޕްރޮސެސްނުކުރެވޭތީ ކަމަށާއި އެއްވެސް ޝަކުވާއެއް ވާނަމަ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ރޭ އިރާކޮޅު ވިދާޅުވެފައި ވަނީ ހުރިހާ ފޯމެއް މިއަދު ހެނދުނަށް ރެޖިސްޓްރީކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ރެޖިސްޓްރޭޝަނާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން މިއަދު ހެނދުނު 8:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ.
ފުއާދު ވިދާޅުވީ ރީ ރެޖިސްޓްރޭޝަނަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ރެއާ ހަމަޔަކަށް 40،000 މީހުންގެ ނަން ސިސްޓަމަށް އެންޓާކޮށް ނިމިފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި ރިޔާސީ އިންތިހާބުގައި ރީ ރެޖިސްޓްރޭޝަނަށް 60،000 މީހުން ރަޖިސްޓްރީ ކުރި އެވެ.