15 Oct 2013, 13:45
މިދިޔަ ސެޕްޓެމްބަރުމަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލުކުރި ފަހުން ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހީމް އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޔާމީނު ވިދާޅުވީ ގާސިމް އިބުރާހީމާ މަޝްވަރާ ކުރައްވަން ވަރަށް ގިނަ ފަހަރު މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން އަދި ކާމިޔާބުވެފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގާސިމް އިބުރާހީމް އަޅުގަނޑަކާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ. އަޅުގަނޑު ވަރަށް ގިނަ ފަހަރު މަސައްކަތް ކުރިން ، ވަގުތުކޮޅެއް ހޯދައިގެން ގާސިމްއާ އެކީ ވާހަކަ ދައްކަން އިށީންނަން، އެކަމަކު އަދި މިދަނީ އެކަން ކާމިޔާބު ނުވެ،" ޔާމީނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ރައީސް މައުމޫނާއި ގާސިމް ކުރެއްވި މަޝްވަރާއެއް އެނގިވަޑައިގަންނަވާނީ އެދެބޭފުޅުންނަށް ކަމަށެވެ. އެއްކެންޑިޑޭޓެއް ހޯދުމަށް ގާސިމް އެދިވަޑައިގަންނަވާ ގޮތް ރައީސް މައުމޫނު ވިދާޅުވެދެއްވި މިންވަރަށް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެއީ "ޕީޕީއެމް އަކަށް ހައްލެއް ނޫން" ކަމަށް ވެސް ޔާމީނު ރޭ ވިދާޅުވިއެވެ.
"އެއީ ކީ ޕީޕީއެމްއަކަށް ހައްލެއް ނޫން، ޕީޕީ އެމް އަކަށް ޗޮއިސް އެއް ނޫން. ޕީޕީއެމްއަށް ކުރެވޭ ޒާތުގެ ކަމެއް ނޫން،" ޔާމީނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއްކެންޑިޑޭޓަކު ނެރުމަށްޓަކައި ގާސިމް އެދިވަޑައިގަންނަވާ ގޮތަކީ ގާސިމާއި ޔާމީނުގެ ނަން ނެންގެވުމަށް ފަހު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ތާއީދުކުރުން ކަމަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް ވަހީދަށް ތާއީދުކުރެވޭކަށް ނެތް ކަމަށް ޔާމީނު ވިދާޅުވިއެވެ. ސަބަބަކީ ވަހީދަށް ދެން މިއިންތިހާބުގައި ރަނިން މޭޓަކު ނެންގެވެން ނެތީމައި ކަމަށް ވެސް ވިދާޅުވިއެވެ.
"އެންމެން އެއްބަސްވާ ފޯމިއުލާއެއް ކަމަށް އޭރު ރައީސް މައުމޫނާއި ގާސިމް އާ އެންމެ ފަހުން ދެކެވުނު ވާހަކައިގައި މިވެދާނެ ހިނގާށޭ ރައީސް ވަހީދަށް ތާއީދުކުރަމާ، ރައީސް ވަހީދަށް ތާއީދުކޮށްފައި ޔާމީނުވެސް ނަން ދޫކޮށްލާށޭ، ގާސިމް ވެސް ނަން ދޫކޮށްލާށޭ، އެކަމަކު އަޅުގަނޑު މިދެންނެވީ ވާހަކަ ފަށަމުން ވެސް ދެންނެވި ގޮތަށް، ރައީސް ވަހީދަކަށް ތާއީދު ކުރެވޭނެ ގޮތެއް ނެތޭ،" އޭނާ ވިދާޅުވިއެވެ.