15 Oct 2013, 13:05
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ހުށައެޅި ފޯމްތަކުގެ ތެރެއިން މައްސަލަ ޖެހިފައިވާ ފޯމްތަކަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް ޕީޕީއެމްއިން ގޮވާލައިފިއެވެ.
ނަސަންދުރާގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ މެންބަރު އަބްދުﷲ އަމީން ވިދާޅުވީ ރަޖިސްޓުރީ ކުރުމަށް ޕީޕީއެމްއިން ހުށައަޅާފައިވާ ގިނަ ފޯމްތަކެއްގައި މައްސަލަތައް އުޅޭ ކަމަށާއި އެހެންކަމުން ޝަކުވާ ހުށައެޅުމަށް އިތުރު ފުރުސަތު ދޭންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ގޮވާލަން ރަޖިސްޓުރީކުރަން ހުށައެޅި ފަރާތްތަކުންވެސް އަވަހަށް އިލެކްޝަން ކޮމިޝަނަށް މައްސަލަ ހުށައަޅަން. އަދި އިލެކްޝަނަށް ގޮވާލަން ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް" އަމީން ވިދާޅުވިއެވެ.
ޕީޕީއެމްގެ އިންތިހާބު ކޮމެޓީގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ތޮލާލް ވިދާޅުވީ ޕީޕީއެމްއިން ހުށައަޅާފައިވާ ބައެއް ފޯމްތަކުގައި ރަޖިސްޓުރީކުރުމަށް ހުށައަޅާފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓުރީކޮށްފައިވާ މައްސަލަ ދިމާވަމުން އަންނަ ކަމަށެވެ. އަދި އެމައްސަލަތައް އިލެކްޝަން ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
ތޮލާލް އިތުރަށް ވިދާޅުވީ ބައެއް ފަރާތްތަކުން ހުށައެޅި ފޯމްތަކުގައި މައްސަލަ އުޅޭ ކަމަށް އެޕާޓީއަށް ފާހަގަކުރެވޭތީ އެފޯމްތަކުގެ ފިންގާ ޕުރިންޓް ނުވަތަ ރެންޑަމްކޮށް ވަކި އަދަދަކަށް ފިންގާ ޕުރިންޓް ޗެކްކުރުމަށް އިލެކްޝަން ގައި މިހާރު އެދިފައިވާނެ ކަމަށެވެ. އަދި ފޯމްތަކުގެ ފިންގާ ޕުރިންޓް ޗެކް ކުރަންޖެހޭނީ މީހަކު މައްސަލައެއް ޖެއްސުމުން އެކަނި ނޫން ކަމަށް ވިދާޅުވިއެވެ.