ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖޭގައި ސުލްހަވެރިކަމާއެކު އާ ރައީސުލްޖުމްހޫރިއްޔާއެއް ހުވާކޮށް، މަގާމާ ހަވާލުވުމަކީ މުހިއްމު ކަމެއް ކަމަށް އޮސްޓްރޭލިޔާއިން ބުނެފި އެވެ.

ސްރީލަންކާގައި ހުންނަ އޮސްޓްރޭލިޔާގެ ހައި ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ރިޔާސީ އިންތިހާބެއް އަލުން ބޭއްވުމަށް ކުރަމުންދާ މަސައްކަތް އޮސްޓްރޭލިއާއިން ގަބޫލުކުރާ ކަމަށެވެ. އަދި އެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަން ކަށަވަރުކުރުން މުހިއްމު ކަމަށް އޮސްޓްރޭލިޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މި އިންތިހާބަކީ މިނިވަން އިންސާފުވެރި، އަދި ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ އިންތިހާބަކަށް ވާން ޖެހޭ. އަދި ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވުމަކީ މުހިއްމު ކަމެއް" އޮސްޓްރޭލިޔާގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެބަޔާނުގައި ވަނީ ހުރިހާ ޕާޓީތަކާއި މުއައްސަސާތަކުން އިންތިހާބު ސުލްހަވެރިކަމާއި އޮމާންކަމާއެކު ކުރިއަށް ގެންގޮސް، ޑިމޮކްރަޓިކް އުސޫލުތަކާއި "ރޫލް އޮފް ލޯ" އިސްކުރުމަށް ގޮވާލާފައިވެ އެވެ.