15 Oct 2013, 12:12
ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ފޯމް ހުށަހެޅި ބައެއް މީހުން ރެޖިސްޓްރީވެފައި ނުވާތީ އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއަށް ގިނަ ބަޔަކު ޝަކުވާ ހުށަހަޅަން ފަށައިފި އެވެ.
ޝަކުވާ ހުށަހެޅުމަށް މިއަދު ހެނދުނު 8:00 އިން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިއު ހަދައި، ރެޖިސްޓްރޭޝަންގެ މައި އިދާރާ ކައިރިއަށް އެއްވެފަ އެވެ. އެ އިދާރާގެ ބޭރުގައި ވެސް މިހާރު ވަނީ ޝަކުވާ ހުށަހެޅުމަށް ކިއު ހަދާފަ އެވެ.
"ސަން"އާ ވާހަކަދެއްކި ބައެއް މީހުން ބުނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނަކަށް ރެޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅި ނަމަވެސް އަދިވެސް ރެޖިސްޓްރީވެފައި ނުވާ ކަމަށެވެ. އަނެއް ބައި މީހުން ބުނީ އެ މީހުން ރަޖިސްޓްރީ ކުރަން ހުށަހެޅި ރަށް ނޫން އެހެން ރަށަކަށް ރެޖިސްޓްރީވެފައިވާ ކަމަށެވެ.
އިލެކްޝަނަށް ޝަކުވާ ހުށަހެޅި މީހުންނަށް އެ ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއިން ދޫކުރި ލިޔުމުގައި ވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ޖަވާބެއް ދޭނެ ކަމަށެވެ. މިއަދުން ފެށިގެން ފަސް ދުވަސް ހަމަވަނީ އަންނަ ހޮނިހިރު ދުވަހަށެވެ. އެއީ ރިޔާސީ އިންތިހާބު ބާއްވާ ދުވަހެވެ. އެކަމާ ގުޅޭ ގޮތުން މީހުން ޝަކުވާ ހުށަހެޅުމުން ކޮމްޕްލަޔަންސް ބިޔުރޯގެ އޮފިޝަލުން އަނގަބަހުން ވިދާޅުވެފައި ވަނީ އިންތިހާބުގެ ކުރިން ޖަވާބެއް ދޭނެ ކަމަށެވެ.
ރީ ރެޖިސްޓްރޭޝަނަށް ފޯމް ހުށަހެޅި ގިނަ ބަޔަކު ރެޖިސްޓްރީވެފައި ނުވާ މައްސަލާއާ ގުޅޭ ގޮތުން މިއަދު ހެނދުނުން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގާއި ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރަށް ގުޅައި، މެސެޖު ކުރުމުންވެސް ޖަވާބެއް ނުދެއްވަ އެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ރޭ އިރާކޮޅު ވިދާޅުވެފައި ވަނީ ހުރިހާ ފޯމެއް މިއަދު ހެނދުނަށް ރެޖިސްޓްރީކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ރެޖިސްޓްރޭޝަނާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން މިއަދު ހެނދުނު 8:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ.
ފުއާދު ވިދާޅުވީ ރީ ރެޖިސްޓްރޭޝަނަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ރެއާ ހަމަޔަކަށް 40،000 މީހުންގެ ނަން ސިސްޓަމަށް އެންޓާކޮށް ނިމިފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި ރިޔާސީ އިންތިހާބުގައި ރީ ރެޖިސްޓްރޭޝަނަށް 60،000 މީހުން ރަޖިސްޓްރީ ކުރި އެވެ.