ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިހާބުގައި އެންމެ ފަސް ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވިޔަސް، އެ އިންތިހާބުގެ ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ވާތީ އެ ނަތީޖާ ބަލައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
~
ހައްޖުގެ މަތިވެރި އަޅުކަމަށްފަހު މުސްލިމުންނަށް އައި އަޟްހާ އީދުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވަމުން ރައީސް މިއަދު މުލިއާގޭގައި ދެއްވި ހިތާބުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެންމެ ފަސް ޕަސެންޓް ވޯޓު ލިބިވަޑައިގެންފައިވުމުން ރައްޔިތުންގެ ހައްގުގައި ބަސްބުނުމަކީ އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ދެކޭ ބަޔަކު އެބަކު އުޅޭ ކަމަށެވެ. ނަމަވެސް އެކަން ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ރައްޔިތުންގެ ހައްގުގައި ބަސް ބުނަން އެމަނިކުފާނަށް ވުރެ ވަކިން ލާޒިމް މީހެއް ނުހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ އިންތިހާބުގައި އަޅުގަނޑަށް އެންމެ ފަސް ޕަސެންޓް ވޯޓު ލިބުނު ކަމަށް ނިންމާފައިވާތީ، މިއަދު ދިވެހިރައްޔިތުންގެ ހައްގުގައި ބަސްބުނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ދެކޭ ބަޔަކު އެބައުޅެ. އެކަން އަޅުގަނޑު ގަބޫލެއް ނުކުރަން. ސަބަބަކީ ބާތިލް ވޯޓެއްގެ ނަތީޖާ ކަމަށް ވާތީ. އަޅުގަނޑުގެ މަގާމުގެ ގޮތުން މިއަދު އަޅާ ކޮންމެ ފިޔަވަޅަކީ މި ގައުމުގެ ގިނަ ރައްޔިތުންތަނަކަށް އޭގެ އަސަރު ކުރާނެ ފިޔަވަޅުތަކަށް ވާތީ،" އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވި އެވެ.

"މިގައުމުގެ ހާލަތާއި ކުރިމަގާ ދޭތެރޭ އަޅުގަނޑަށް ވުރެ ވަކިން ބޮޑަށް ވިސްނާ މީހަކު ނުހުންނާނެ. ރައްޔިތުންގެ ހައްގުގައި ބަސް ބުނަން އަޅުގަނޑަށް ވުރެ ވަކިން ލާޒިމް ވަކި މީހެއް ނުހުންނާނެ،"

ރައީސް ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިހާބަށްފަހު، އަލުން ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވަން ނިންމެވީ ހުރިހާ ބޭފުޅުންނަށް ވެސް ތާއިދު ކުރައްވާތީ ކަމަށެވެ.

"ވަކި ބޭފުޅަކަށް ތާއިދު ނުކުރަން ނިންމީ ހުރިހާ ބޭފުޅުންނަށް ތާއިދު ކުރާތީ. ތިޔައިން ކޮންމެ ބޭފުޅަކު އިންތިހާބު ކުރިޔަސް އަޅުގަނޑަށާއި ދިވެހިރައްޔިތުންނަށް ލިބޭ ކާމިޔާބީއެއް ކަމަށް ދެކޭތީ. ތިބޭފުޅުންގެ ގައުމީ ވާޖިބެއް އުފެދިފައިވާ ނުތަނަވަސްކަމާއި ހާސްކަމުގެ ތެރެއިން ނެރެދެއްވުމަކީ. ތިބޭފުޅުންގެ ގައުމީ ވާޖިބެއް މިގައުމުގައި އުފެދިފައިވާ ރުޅިވެރިކަމާއި ފިތުނަފަސާދައިގެ ތެރެއިން ރައްޔިތުން ސަލާމަތްކޮށްދެއްވުމަކީ،" ރައީސް ވިދާޅުވި އެވެ.

ޤައުމާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، މުހިންމު ދެ ކަމަކަށް އިލްތިމާސް ކުރެއްވިއެވެ. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޞުލްހަވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ނިންމައި، އެ ކަމުގައި ހުރިހާ ފަރާތްތަކުން ވެސް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ކުރެއްވި އިލްތިމާސާއި، އަދި އިންތިޚާބުވާ ރައީސަކާ 11 ނޮވެމްބަރުގައި ވެރިކަން ހަވާލުކުރުމަށް ކުރެއްވި އިލްތިމާސެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްފަސޭހަކަން ގެނެސްދެއްވައި، އުފެދިފައިވާ ނުތަނަވަސްކަމާއި ހާސްކަމުގެ ތެރެއިން ނެރެދެއްވައި، ޤައުމުގައި އުފެދިފައިވާ ރުޅިވެރިކަމާއި ފިތުނަފަސާދައިގެ ތެރެއިން ރައްޔިތުން ސަލާމަތް ކޮށްދެއްވުމަކީ، އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންގެ ޤައުމީ ވާޖިބެއް ކަމަށެވެ. މީގެ ފަސް އަހަރު ކުރިން ރައްޔިތުން، އެމަނިކުފާނާ ހަވާލު ކުރެއްވި އަމާނާތް ކަމަށްވާ މި ޤައުމު ޞުލްޙަވެރިކަމާއެކު ލޭއޮހޮރުވުމަކާ ނުލައި މިއަދު މި ހިސާބަށް މިވަނީ ގެނެސްދެއްވާފައި ކަމުގައި ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބު ކުރެވޭ ބޭފުޅަކީ، އަޅުގަނޑުމެން އެންމެންގެ މެދުގައި ހަމަޖެހުމާއި އުފާވެރިކަން އުފައްދައިދޭނެ ބޭފުޅެއްތޯ ނުވަތަ ހާސްކަމާއި ދެކޮޅުވެރިކަން އިތުރުކުރައްވާނެ ބޭފުޅެއްތޯ މި ވަނީ ސުވާލު އުފެދިފައިކަން ފާހަގަކުރެއްވި އެވެ. އަދި އަލަށް އިންތިޚާބު ކުރެވޭ ވެރިއަކީ، މިހާރު ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކޮށްދެއްވޭނެ ބޭފުޅެއްތޯ ނުވަތަ އިތުރު ހަލަބޮލިކަމަކާއި އުނދަގޫތަކެއް ކުރިމަތިކުރުވާނެ ބޭފުޅެއްތޯ ވެސް ސުވާލު އުފެދިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަލަށް އިންތިޚާބު ކުރެވޭ ބޭފުޅަކީ، އެބޭފުލަކާ ޚިޔާލު ތަފާތުވާ ބައެއް، އެކަހެރި ކުރައްވައި ބަދަލު ހިއްޕެވުމުގެ ރޫޙުގައި ކަންތައްތައް ކުރައްވާނެ ބޭފުޅެއްތޯ ނުވަތަ ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކީ، މަޢާފުކުރުމާއި އޯގާތެރިކަމާއެކު ވެރިކަން ކުރައްވާނެ ބޭފުޅެއްތޯ ވެސް ސުވާލު އުފެދިފައިވާކަން ރައީސް ވިދާޅުވި އެވެ.

މި ސުވާލުތައް ކުރަންޖެހޭ ސަބަބުތައް އެބަހުރިކަން ރައީސް ބަޔާންކުރައްވަމުން، އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙުވަނީ ވަރަށް ބޮޑަށް ބައިބައިވެފައި ކަމަށާއި، އެކަކުއަނެކަކަށް ޖެއްސުން ކުރުމާއި ބަދަލުހިފުމުގެ ރޫޙު ވަނީ ވަރަށް ބޮޑުވެފައި ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި، ތެދާއި ދޮގަކީ ކޮބައިކަން މިވަނީ އޮޅުވާލެވިފަ އެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި ފިތުނަފަސާދަ އުފެއްދުމާއި ރުޅިވެރިކަން މިވަނީ ޢާންމު ކުރެވިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ޤައުމުގެ ހާލަތަކީ ސިޔާސީގޮތުން ނުރައްކާތެރިވެދާނެ އަދި އިޤްތިޞާދީގޮތުން ރައްޔިތުން ނިކަމެތިވެދާނެ ހާލަތެއް ކަމަށް ވިދާޅުވެ، ވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ މަޞްލަޙަތުގެ މަތިން އަދި ޤައުމުގެ މަތިން މިވަނީ ކޮންމެވެސް ވަރަކަށް ހަނދާން ނެތިފައި ކަމަށް ވިދާޅުވި އެވެ.