ގަދަ ވަޔާއެކު ބާރުގަދަ ތޫފާން "ފައިލިން" އިންޑިއާއަށް އެރުމުން، އަޟްހާ އީދުގެ ގުރުބާނަށް ރާއްޖެ ގެނައުމަށް އޯޑަރުދިން ބަކަރިތައް އެރުވި ބޯޓު އިންޑިއާގެ ބަނދަރެއްގައި ދާށިވުމުން، މާލޭގައި ބާއްވަން އުޅުނު އުޟުހިޔާ ކަތިލުން މިއަދު ކުރިއަށް ނުގެންދެވޭ ގޮތް ކުރިމަތިވެއްޖެ އެވެ.

އިބްރާހިމްގެފާނުގެ ދަރިކަލުން އިސްމާއީލުގެފާނު ގުރުބާނަށް ހުށަހެޅުނު ޒިކުރާ އާކުރުމުގެ ގޮތުން ޒަމާނުއްސުރެ ކުރިއަށް ގެންދާ އުޟުހިޔާ ކަތިލުން ދިރުވައި އާލާކުރުމަށް ވޭދުވެދިޔަ ދެ އަހަރު ވެސް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެފްއެމް)އިން ވަނީ ގިނަ އަދަދެއްގެ ބަކަރި މާލޭގައި ކަތިލާފަ އެވެ. މިދިޔަ އަހަރު އަޟްހާ އީދުގައި ވަނީ 200 ބަކަރި މާލޭގައި ކަތިލާފަ އެވެ. އަދި 2011 ވަނަ އަހަރު 78 ބަކަރި އާއި ދެ ގެރި އައިއެފްއެމުން މާލޭގައި ކަތިލި އެވެ.

އައިއެފްއެމްގެ ރައީސް އިބްރާހިމް ފައުޒީ ވިދާޅުވީ މިއަހަރު އުޟުހިޔާގެ ގޮތުގައި ކަތިލުމަށް އެ ޖަމިއްޔާއިން ހުއްދަ ނެގި 300 ބަކަރި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ވެސް މާލެ ގެނެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ރާއްޖެ ގެނައުމަށް ބަކަރި އެރުވި ބޯޓު އިންޑީއާގެ ބަނދަރެއްގައި ތާށިވެފައިވާ ކަމަށާއި އެ ބޯޓު ރާއްޖެ އައުމަށް ފުރުމަށްފަހު ވިއްސާރަޔާހުރެ، އަނބުރާ އަނެއްކާ ވެސް އިންޑިއާގެ ބަނދަރަށް ބޯޓު ވައްދާފައިވާ ކަމަށް ފައުޒީ ވިދާޅުވި އެވެ.

"ބަކަރިތައް ރާއްޖެ ގެނެވޭނެ ކަމުގެ އުންމީދު ނެތޭ ވެސް ބުނެވިދާނެ. ޗާންސް ވަރަށް ކުޑަކޮށް އުޅެނީ. އަޅުގަނޑުމެން ބޯޓަށް ބަރުކުރި އެއްޗެހި މިކޮޅަށް އާދެވޭ ގޮތެއް ނުވެ، އަނބުރާ ބަނދަރަށް ވަދެފައި ވަނީ،" އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އިންޑިއާގެ ބަކަރި އެތެރެ ކުރުމަށް ހުއްދަ ލިބުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް މިއަހަރު ގެންނަން ނިންމާފައިވާ 300 ބަކަރި އެތެރެ ކުރުމުގެ ހުއްދަ ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ވެސް ބަކަރި ގެނެވޭ ގޮތް ނުވެއްޖެނަމަ، މިއަހަރު އެ ބަކަރިތައް ރާއްޖެ އެތެރެ ނުކުރާނެ ކަމަށް ފައުޒީ ވިދާޅުވި އެވެ.

ފާއިތުވި ދެ އަހަރުގައި އައިއެމްއެފުން ވަނީ ބޮޑުތަކުރުފާނު މަގު، މާލޭ ސިޓީ ކައުންސިލްގެ ޓައިސޭ ކޮށީގައި އުޟުހިޔާ ކަތިލުން ކުރިއަށް ގެންގޮސްފަ އެވެ. އެތަނުގައި ކަތިލާ އުޟުހިޔާގެ ހަން ނޮޅައިދީ ބުރިކޮށް ހެދި މަންޒަރުބަލަން ގިނަ ބަޔަކު ޖަމާވި އެވެ. އަދި އުޟުހިޔާ ޖާފަތުގެ ނަމުގައި، ބޮޑިބަތާއެކު ގިނަބަޔަކަށް ބައިވެރިވެވޭ ގޮތަށް ކެއުން ވެސް ކުރިން ކުރިއަށް ގެންދިޔަ އެވެ. އެންމެ ފަހުން ބޭއްވި ކެއުމުގައި 2000 މީހުން ބައިވެރިވި ކަމަށް އައިއެމްއެފުން ބުންޏެވެ.