ފުވައްމުލަކަށް އެރި ސޯމާލިއާ މީހުންގެ ޑިންގީން ވަޒަނެއްގެ ދޯރިއެއް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.


އެމްއެންޑީއެފްގެ މޭޖާ އަބުދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ ސޯމާލިއާ މީހުން ތިބި ޑިންގީ އިތުރަށް ބެލި ބެލުމުން ވަޒަނެއްގެ ދޯރި ފެނިފައިވީ ނަމަވެސް ބޮޑު ހަތިޔާރެއް އެ ޑިންގީން ފެނުމުގެ ޗާންސް ކުޑަކަމަށެވެ. އެހެންނަމަވެސް ޑިންގީގެ އެތެރެ އިތުރަށް އަދިވެސް ޗެކްކުރާނެ ކަމަށް އަބުދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސޯމާލިއާ މީހުންނަކީ ކަނޑު ފޭރޭ ކަމަށް މަޝްހޫރު ވެފައިވާ ބައެއް ކަމަށް ވާތީ، ސޯމާލިއާގެ އެ ޑިންގީއަކީ ހާލުގައި ޖެހިގެން ލެއްގި ޑިންގީ އަކަށް ވާތީ ބަޔަކު ފެނުމުން ޑިންގީ ތެރޭގައި ހުރި ހަތިޔާރުތައް ކަނޑަށް އުކާލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.


އެމީހުންނަކީ މަސްވެރިކަން ކުރަން ނިކުމެ އުޅެނިކޮށް ހާލުގައި ޖެހުނު ބައެއްތޯ ސުވާލު ކުރުމުން އަބުދުއްރަހީމް ވިދާޅުވީ މަސްވެރިކަން ކުރާ ޒާތުގެ އެއްވެސް އެއްޗެއް އެ ޑިންގީގެ ތެރެއިން ފެނިފައިނުވާ ކަމަށެވެ.


އެމީހުންނާއި ޑިންގީ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.


އިއްޔެ އިރުއޮއްސެން އުޅެނިކޮށް ސޯމާލިއާގެ ހަތް މީހުންނާއެކު އެ ރަށަށް ލެއްގި އެ ޑިންގީ ފެނުނު އިރު ޑިންގީ ތެރޭގައި ކޮންމެ ވެސް ވަރަކަށް ތެލާއި ފެން ހުއްޓެވެ. އަދި ފެނުނުއިރު އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.


ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން ސޯމާލިއާ މީހުން ފެނުން ވަނީ އާއްމު ކަމަކަށް ވެފައެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ ތެރޭ ވަނީ ސޯމާލިއާގެ ހަ މީހަކު ތިބި ޑިންގީއެއް ހދ. މަކުނުދޫ ކައިރީ އޮންނަ ފަޅު ރަށެއްގެ ބޭރުން ފެނިފަ އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ހަތް މީހުންނާ އެކު އައި މަސްބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މީގެ އިތުރުންވެސް އައްޑު އަތޮޅުން ވަދު މަސްވެރިކަމަށް ނުކުމެ އުޅުނު ބަޔަކަށް ވަނީ ހިތަދޫ ކޯއްޓޭއާ ދިމާލުން ވެސް ސޯމާލިއާގެ ހާލުގައި ޖެހިފައި ތިބި ހަތް މީހަކު ފެނިގެން ސިފައިންނާ ހަވާލު ކޮށްފައެވެ.