ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ގާނޫނީ އިމުގެތެރެއިން ރިޔާސީ އިންތިޚާބުގެ ކަންކަން ފުރިހަމަ ކޮށްދިނުމުގައި ފުލުހުން ސާބިތުކަމާއެކު ދެމިތިބެ އިލެކްޝަންސް ކޮމިޝަނަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށް އަންނަ ހޮނިހިރު ދުވަހު އަލުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓުން ކުރި ހުކުމާ ގުޅިގެން ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދަނިކޮށް އެއިދާރާގެ ސިސްޓަމް ޑައުންވެ، ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވި ކަންތައްތައް ޙައްލުކުރުމުގައި ފުލުހުންގެ ކިބައިން އެހީތެރިކަން ލިބިފައިނުވާކަމަށް އިލްކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވާކަން ހިތާމައާއެކު ފާހަގަ ކުރާ ކަމަށް ފުލުހުން ބުންޏެވެ.

އެ ބަޔާނަކީ ކަންހިނގިގޮތް ރައްޔިތުންނަށް އޮޅުވާލައި ފުލުހުން ކުރަމުންދާ މަސައްކަތާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި އިތުބާރު ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ޒިންމާދާރުކަން ކުޑަގޮތަކަށް ކޮށްފައިވާ ކަމެއްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިލެކްޝަންސް ކޮމިޝަނުން ރެޖިސްޓްރޭޝަންގެ މަސައްކަތް ގެންދާ މަރުކަޒުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދަނިކޮށް މިދިޔަ އާދީއްތަ ދުވަހު 2:15 ހާއިރު އެކޮމިޝަންގެ މުވައްޒަފަކު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގުޅުއްވައި އެކޮމިޝަންގެ ސިސްޓަމް ޑައުންވެގެން އުޅޭކަމާއި އޭގެ ސަބަބުން ރަޖިސްޓްރީ ކުރަން އައިސްތިބި ފަރާތްތަކުގެ މެދުގައި ހިތްހަމަނުޖެހި މަސްލަހަތު އިތުރަށް ގޯސްވެދާނެކަމަށް ވިދާޅުވެ އިތުރު ފުލުހުންގެ އެހީތެރިކަން ބޭނުންވެދާނެކަމުގެ އިޝާރާތް ކުރެއްވި ކަމަށެވެ. މިގޮތަށް އެދިވަޑައިގަތުމާ ގުޅިގެން ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ފުލުހަކު ވަގުތުން އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހިނގަމުންދިޔަ މަރުކަޒަށްގޮސް އިލެކްޝަންސް ކޮމިޝަންގެ އިސްމުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއަށްފަހު 2:45 ހާއިރު ފުލުހުންގެ އިތުރު ބަޔަކު އެ ސަރަހައްދަށް ފޮނުވަފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންގެ ސްކޮޑެއް ތައްޔާރީ ހާލަތުގައި އެސަރަހައްދުގައި ބާއްވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭރުވެސް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެސަރަހައްދުގައިތިބި އާއްމު ރައްޔިތުން ދުރަށްޖައްސައި ރަޖިސްޓްރޭޝަންގެ ކަންތައް ކުރިޔަށް ގެންދަން އަމާން މާހައުލެއް ގާއިމްކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެވަގުތަކީ އިލެކްޝަންސް ކޮމިޝަނުން އޭރު އެތަނުގައި ތިބި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާ މަޝްވަރާ ކުރަމުންދިޔަ ވަގުތަކަށް ވުމާއެކު ފުލުހުން ތިބީ އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް ވަކި ގޮތަކަށް އަންގަންދެން މަޑުކޮށްގެން ކަމަށާއި އެވަގުތުވެސް އެތަނުގައި އާއްމު މަސްލަހަތު ގެއްލިގެން ނުދިއުމަށް އެޅެންހުރި ފިޔަވަޅުތައް ފުލުހުން އަޅަމުން ދިޔަ ކަމަށެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަނުން އެދުނު ގޮތަށް މީޑިއާތައް އެތަނުގައި ހަރަކާތްތެރި ކުރުވައި މީޑިއާތަކަށް ފަސޭހައިން ކަވަރު ކުރެވޭނެގޮތް ހަދައިދީފައިވަނީވެސް ޕޮލިސް މީޑިއާގެ އޮފިޝަލުން އެތަނުގައި ތިބެގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓްރީގެ މަސައްކަތް ކުރިޔަށް ގެންދަން ބޭނުންވާ މާހައުލެއް ގާއިމްކޮށްދިނުމަށް ފުލުހުންގެ ކިބައިން އިލެކްޝަންސް ކޮމިޝަނުން އެދިފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު 5:20 ހާއިރު ކަމަށާއި އެވަގުތުން ފެށިގެން އެތަނުގައި ތިބި މީހުން ފަހަތަށް ޖައްސައި އިލްކެޝަންސް ކޮމިޝަނުން އެދުނުފަދަ މާހައުލެއް ގާއިމްކޮށްދީ އެމަސައްކަތް ނިމެންދެންވެސް ވަރަށް ފުރިހަމަ ގޮތެއްގައި ފުލުހުން އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށްޓަކައި އަމާން މާހައުލެއް ގާއިމްކޮށް އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީ އިމުގެތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސާބިތުކަމާއެކު ފުލުހުން ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އިލްކަޝަންސް ކޮމިޝަނަށާއި ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.