15 Oct 2013, 00:52
މޫސުން ގޯސްވެ ވިއްސާރަވުމާ ގުޅިގެން ޓްރެކް ދަނޑުގައި އީދު ނަމާދު ނުކުރާގޮތަށް ހަމަޖައްސައިފި އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޓްރެކް ދަނޑުގައި އީދު ނަމާދު ނުކުރާގޮތަށް ހަމަޖައްސާފައި ވަނީ ހުއްޓުމެއް ނެތި މާލެއަށް ވާރޭ ވެހެމުންދާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ވިއްސާރަވުމުގެ ސަބަބުން ދަޑުގެ ބޮޑުބައެއް ޗަކަވެފައިވާ ކަމަށާއި އެހެންކަމުން ޓްރެކް ދަނޑުގައި އީދު ނަމާދު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިންތިޒާމްތައް ހަމަޖެއްސިފައިނުވާ ކަމަށެވެ.
"އެހެންވީމަ މީގަ އެންމެ ރަނގަޅު ގޮތެއްކަމަށް، އެކަމުގެ އިންތިޒާމްތައް ކުރިއަށް ގެންދަވާ ޒުވާނުންގެ ޓީމުން ހުށަހަޅުއްވަނީ ކެންސަލް ކުރުން ކަމަށް އެންމެ ރަނގަޅީ. އެއީ ވިއްސާރަވުމުގެ ސަބަބުން ރަނގަޅަށް ތައްޔާރު ނުކުރެވުމުގެ ސަބަބުން،" ޝަހީމް ވިދާޅުވި އެވެ.
ޓްރެކް ދަނޑުގައި އީދުނަމާދު ނުކުރާގޮތަށް ހަމަޖެއްސި ނަމަވެސް އިސްލާމީ މަރުކަޒާއި އެހެނިހެން މިސްކިތްތަކުގައި ވެސް އީދުނަމާދު ކުރުން އޮންނާނެ ކަމަށެވެ.