14 Oct 2013, 22:08
ހައްޖުގެ މަތިވެރި އަޅުކަން ކުރަމުންދިޔަ ސޫދާންގެ ލޯފަން ހައްޖާޖީއަކު މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް، މަސްޖިދުލް ނަބަވީގައި ދުއާ ކުރުމުން އޭނަގެ ލޮލުގެ ފެނުން އަނބުރާ ލިބިއްޖެއެވެ.
ސައޫދީ ގެޒެޓްގައި މިއަދު ބުނެފައި ވަނީ، އުމުރުން 60 އަހަރުން މަތީގެ ފާތިމާ އަލް މާހީ އަކީ މީގެ ހަތް ވަރަކަށް އަހަރު ކުރިން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހެއް ކަމަށެވެ. އަދި ރަސޫލާގެ މިސްކިތަށް ވަދެ އޭނާއަށް ފެނުން ދެއްވުން މާތް ﷲ އަށް ދުއާކުރުމުން އެކަން އިޖާބަ ކޮށްދެއްވީ ކަމަށްވެސް ސައުދީ ގެޒެޓުގައި ބުނެފައި ވެއެވެ.
"އަހަރެން ރަސޫލާގެ މިސްކިތައް ވަދެ ދުއާ ކުރީ ލޮލުގެ ފެނުން އަބުރާ ލިބޭތޯ. ލޮލަށް ފެންނަން ފެށުމުން އަހަރެން އެވަގުތު ވަރަށް ބާރަށް އުފަލުން ގޮސް الله أكبر އޭ ގޮވަން ފެށިން. އަދި އަހަރެންނަށް ވަރަށް ބާރަށް ރޮވުނު. މިދިޔަ ހަތް އަހަރު އަހަރެން ދިރި ހުއްޓަސް ދިރިއުޅުނީ ކަނު އަދިރީގެ ތެރޭގައި. އެކަމަކު އަލުން އަހަރެންގެ ލޮލަށް ފެންނަން ފެށުމުން މިހުރީ ވަރަށް އުފަލުން" ފާތިމާއާ ހަވާލާދީ ސައޫދީ ގެޒެޓްގައި ބުނެފައި ވެއެވެ.
އެ އަންހެން މީހާއާ ހަވާލާދީ ސައޫދީ ގެޒެޓްގައި ބުނެފައި ވަނީ، ލޮލުގެ ފެނުމުން މަހުރޫމް ވީއްސުރެ އެކަމަށް ހައްލު ހޯދުމަށް އެތައް ފަހަރެއްގެ މަތިން ލޮލުގެ އޮޕަރޭޝަންތައް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަންތައް ކޮށްގެންވެސް ކާމިޔާބީއެއް ހާސިލްވެފައި ނުވާ ކަމަށް ވެސް ފާތިމާ ވަނީ ބުނެފައެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މިވަގުތު މަދީނާގައި ހުރި ފާތިމާ ބުނީ، އޭނަ ގޮވައިގެން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްޓަކައި ދިޔައީ އޭނަގެ ފިރިހެން ދަރިފުޅު ކަމަށެވެ. އަދި އޭނާއަށް ލޮލަށް ފެންނަގޮތް މެދުވެރިވުމުން ފިރިހެން ދަރިފުޅަށް އުފަލުން ރޮވުނު ކަމަށްވެސް އޭނާ ބުންޏެވެ.
"މާތްﷲ ގެ ރަހުމަތާ އެކު އަހަރެންނަށް ލޮލުގެ ފެނުން ދިނުމުން އަހަރެންގެ ފިރިހެން ދަރިފުޅު އުފަލުން ރޯތަން ފެނުނު. އަދި އަހަންނާއި އެކު ހައްޖަށް ދިޔަ އެހެން ހައްޖުވެރިންވެސް ފެނުނު. މީހެއްގެ އެހީތެރިކަމާ ނުލައި މިހާރު އަހަންނަށް އުޅެވޭ. އަހަރެންގެ ލޮލުގެ ފެނުންދެއްވުމަށް މާތް ﷲއަށް ދުއާ ދެއްނެވުމުގައި މެދުކެނޑުމެއް ނެތި ދެމިހުރިން، " ފާތިމާ ބުނެފައިވެ އެވެ.