އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން މިހާތަނަށް 40،000 ފޯމު އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމަށް އެންޓާކޮށް ނިމިފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުއާދު ވިދާޅުވީ އިއްޔެ މެންދުރުގެ ވަގުތެއްގައި އެ ކޮމިޝަން ސިސްޓަމް ޑައުންވުމާއި ގުޅިގެން ބަޔަކު ހުރަސްތަކެއް ކުރިމަތިވި ކުރިވި ކަމަށާއި އެކަމަށް ގިނަ ވަގުތުތަކެއް ބޭކާރުވި ކަމަށެވެ. ނަމަވެސް މިއަދު ހެނދުނުގެ ވަގުތެއްގައި ހުރިހާ ފޯމުތަކެއް ބަލައިގަނެ އެންޓާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެގޮތުން މިހާތަނަށް ގާތްގަނޑަކަށް 40،000 ފޯމު އެންޓާ ކުރެވިފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

"މިއަދު ހެނދުނު 8:50 ގައި ވަނީ ހުރިހާ ފޯމެއް ބަލައިގަނެ ނިމިފައި. އެހާއިރުން ފެށިގެން މިދަނީ ޕްރޮސެސްކުރަމުން. މިހާރުން ފަށައިގެން ވެސް މަސައްކަތްކުރަމުން މިދަނީ. އުއްމީދު ކުރަނީ މާދަމާ ހެނދުނާއި ހަމައަށް އަތަށް ލިބިފައިވާ ހުރިހާ ފޯމުތައް އެންޓާކޮށް ނިމޭނެ ކަމަށް. އަދި ހަމަމިއާއެކު މިހާރު ވެސް ގާތްގަނޑަކަށް 40000 ފޯމު ރެޖިސްޓަރޭޝަން މަސައްކަތް ވަނީ ކުރެވިފަ،" އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ބާތިލް ކުރި މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރިޔާސީ އިންތިހާބަށް 60،000 ވުރެ ގިނަ މީހުން ރީ ރަޖިސްޓްރޭޝަން ކުރި އެވެ.

ފުއާދު ވިދާޅުވީ މާދަމާ ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ރަޖިސްޓަރީގައި އެއްވެސް މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އެ ފުރުސަތުގައި ލިބޭ ޝަކުވާތައް ބަލައި އިސްލާހު ރަޖިސްޓްރޭޝަނަށް ގެނެވެން އޮތް އިސްލާހެއް ގެންނަވާނެ ކަމަށެވެ.

"މާދަމާ ހެނދުނު 8:00 ކުން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށް މި ދޫކޮށްލަނީ އެއްވެސް ޝަކުވާއެއް އޮވެއްޖެއްޔާ، ހުށަހެޅުއްވި ގޮތަށް ރެޖިސްޓަރީ ކޮށްފައި ނުވާ ކަމަށް ވަންޏާ ޝަކުވާ ހުށަހެޅުއްވުމަށް. އަޅުނގަޑުމެންނަށް ގިނަ ވަގުތު އެރުވޭކަށް ނެތް. އަދި އެ ވަގުތު ލިބުނު ޝަކުވާއެއް ބަލައިގަތްފައި އިސްލާހުކުރެވެން އޮތް ކަމަށްވަންޔާ އިސްލާހު ކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ސުޕްރީމް ކޯޓުގެ އަމުރުގައި ހުރި ކަންތައް ކަށަވަރު ކޮށްދިނުމަށް އެކޮމިޝަންގެ ފަރާތުން ވީހާ ވެސް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓަރޭޝަން (ޑީއެންއާރު) އާއި ގުޅިގެން ވޯޓު ލާން ވަޑައިގަންނަވާ ބޭފުޅެއްގެ ފޮޓޯ ވޯޓާސް ލިސްޓުގައި އިންނާނެ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް އެއްވެސް ފަރާތަކުން ރީ ރަޖިސްޓްރޭޝަން ފޯމުގެ ފިންގާ ޕްރިންޓް ވެރިފައި ކުރުމުގައި މައްސަލައެއް ދިމާވެގެން ހުށަހަޅާފައި ނުވާ ކަމަށް ވެސް އަލިމަނިކު ވިދާޅުވި އެވެ.