14 Oct 2013, 19:55
ގައުމީ އިއްތިހާދު ޕާޓީގެ އަށް ކައުންސިލް މެންބަރަކު ޖުމްހޫރީ ގުޅުމަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޖުމްހޫރީ ގުޅުމަށް ތާއީދު ކުރައްވަން ނިންމެވި ގައުމީ އިއްތިހާދު ޕާޓީގެ އަށް ކައުންސިލް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ނޫސްވެރީންނާ ވާހަކައްދަވަމުން ގައުމީ އިއްތިހާދު ޕާޓީގެ ކައުންސިލް މެންބަރު އަދި އިމިގްރޭޝަން ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ ވިދާޅުވީ މިއަދު ގައުމުގެ ހާލަތު އޮތްގޮތުން ގައުމު ސަލާމަތްކުރަން މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. އެގޮތުން ޖުމްހޫރީ ގުޅުމަށް ތާއީދު ކުރެއްވުމަށް ނިންމެވީ މި ގައުމު ސަލާމަތް ކުރެވޭނީ އެ ގުޅުމަށް ކަމަށް ގަބޫލުކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުމްހޫރީ ގުޅުމާ ގުޅެން މި ނިންމި ސަބަބަކީ މިވަގުތު ގައުމުގެ ހާލަތު އޮތްގޮތުން އަޅުގަނޑުމެންނަށް އެނގެނީ އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާ އެކީގައި އަޅުގަނޑުމެންގެ މި ގައުމު ސަލާމަތް ކުރާނީ މި ގުޅުމުންކަން،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
ނޫސްވެރީންނާ ވާހަކަދައްކަވަމުން ގައުމީ އިއްތިހާދު ޕާޓީގެ ކައުންސިލް މެންބަރު އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު އަލީ ދެއްކެވި ވާހަކަފުޅުގައި މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެނެވޭނީ ޖުމްހޫރީ ގުޅުމަށް ކަމަށް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ އަދި ގައުމީ އިއްތިހާދު ޕާޓީގެ ކައުންސިލް މެންބަރު މަސްއޫދު އިމާދު ވިދާޅުވީ 30 އަހަރޭ ކިޔުން ހުއްޓާލަން ވެއްޖެ ކަމަށާއި ރާއްޖެއަށް އިތުރު ދީންތައް ތައާރަފްކުރަން އުޅޭތީ މިއީ އެކަމާ ދެކޮޅަށް ދެތުވާންވީ ވަގުތު ކަމަށެވެ.
"އަޅުގަނޑުމެން 30 އަހަރޭ ކިޔުން ހުއްޓާލަން ވެއްޖޭ. 30 އަހަރުގެ އަރާރުން ވުން ހުއްޓާލަން ވެއްޖޭ. މިހާރު އަޅުގަނޑުމެން އަރާރުންވާންވީ މިރާއްޖޭގައި އިތުރު ދީންތަކެއް ތައާރަފް ކުރަން އުޅޭތީ އެ މައްސަލައާ ދެކޮޅަށް އަޅުގަނޑުމެން ދެތުވާންވީ،" މަސްއޫދު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ގައުމީ އިއްތިހާދު ޕާޓީގެ އަށް ކައުންސިލް މެންބަރުން ޖުމްހޫރީ ގުޅުމަށް ތާއީދު ކުރައްވަން ނިންމެވީތީ އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ނިންމެވި ނިންމެވުމަށް ގާސިމް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.